ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 6 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މުއްދަތުގެ ތެރޭގައި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިއަދުވެސް ގެންދަނީ ޣައްޒާގެ އެކި ރަށްތަކަށް އުދުވާނީ ހަމަލާތައް ދެމުންނެވެ.
ހަމަލާތައް ދިނުމުގައި އަސްކަރީ ޖެޓުތަކާއި، ޑްރޯންތައް ބޭނުން ކުރާއިރު، ބޮޑުބަޑީގެ ހަމަލާތަކާއި އަދި ބަޑިންވެސް ހަމަލާދީ އާންމުން ޝަހީދުކޮށް ތަންތަނަށް ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ.
އެގޮތުން، އާންމުންގެ ގެތަކަށާއި، ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށާއި، މަގުމަތިން ފެންނަ އާންމުންނަށާއި، އަދި ކުޑަކުދިން ކިޔަވަން ތިބޭ ތަންތަނަށްވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
މި އޮކްޓޫބަރުމަހުގެ މިހާތަނަށް ޣައްޒާއިން 19 ކުޑަކުދިން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި އުމުރުން އެންމެ 4 އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ހެދި އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް ޣައްޒާއިން މިހާތަނަށް 1،568 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 5،648 އަށް އަރާފައި ވެއެވެ.
އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި ކަމަށް މިހާތަނަށް ރެކޯޑް ކުރެވުނު އަދަދު 74،500 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު 175،808 އަށް އަރާފައި ވެއެވެ.
24 ގަޑިއިރުތެރޭ ޣައްޒާއިން 6 މީހުން ޝަހީދު، މިމަހުގެ މިހާތަނަށް 19 ކުޑަކުދިން ޝަހީދުކޮށްލައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.