ދިވެހިރާއްޖޭގެ ވެއްޔާއި ފަސްގަނޑަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުމާއި ކެއިންބުއިމުގެ މައިބަދައާ ގުޅިފައިވާ އަގުހުރި ޤުދުރަތީ ރައުސްމާލެކެވެ. މޭވާއާއި ތަރުކާރީގެ އިތުރުން، އެކި ބާވަތްތަކުގެ ގޮވާމާއި ފަލަމަޑި ހައްދައިގެން މި ބިމުން ބަނޑުފުރާނަމުއްތި ކުރެވޭނެކަން އަޅުގަނޑުމެންގެ ކާބަފައިން ވަނީ އަމަލީ ތަޖުރިބާއިން ސާބިތުކޮށްދީފައެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު ބޭރުން އެތެރެކުރާ ކާބޯތަކެއްޗަށް މުޅިންހެން ބަރޯސާވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ދަނޑުވެރިކަން ފަހަތަށް ޖެހި، މަޑުޖެހުމެއްގެ ތެރެއަށް ދިޔައެވެ. އެހެންނަމަވެސް، މިއަދު މިވަނީ އެ ހާލަތު ބަދަލުކޮށް، ކާނާގެ ޔަޤީންކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށްޓަކައި އައު އުންމީދުތަކަކާއެކު ވަރުގަދަ ބިންގަލެއް އެޅިފައެވެ.

ޤައުމަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ކާނާ އުފައްދައި، ދަނޑުވެރިކަން އިންގިލާބީ ފެންވަރެއްގައި ފުޅާކުރުމަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމުގެ ގޮތުން، ވިޔަފާރީގެ ބޮޑު އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި ހާއްސަ މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހަލުވިކަމާއެކު ހިންގަމުންނެވެ.

މީގެއިތުރުން، ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ފައިސާއާއި އިންވެސްޓްމެންޓްތައް ހޯދުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، މިފަހުން ތަސްދީޤުކުރެވުނު ފަޅުރަށްރަށާ ބެހޭ އައު ޤާނޫނަކީ އެޅުނު ވަރަށް ތާރީޚީ އަދި މުހިންމު ފިޔަވަޅެކެވެ.

މާޒީގެ ތަޖުރިބާތަކަށް ނަޒަރު ހިންގާއިރު، ދަނޑުވެރިކަން ކުރުމަށް ދޫކުރެވުނު ގިނަ ފަޅުރަށްތަކުގެ ބޭނުން އެދެވޭ ގޮތުގައި ނުހިފި، ގިނަ މަޝްރޫޢުތައް ވަނީ މެދުކެނޑި ނާކާމިޔާބުވެފައެވެ. އެހެންކަމުން، އަލަށް ވުޖޫދުވި ޤާނޫނާއެކު ހަރުދަނާ އުސޫލުތަކަކާއި ޤަވާއިދުތަކެއް އެކުލަވާލެވިގެން ދިޔުމަކީ، މި ދާއިރާއަށް ބޮޑެތި އަދި އިތުބާރުހުރި އިންވެސްޓްމެންޓްތައް ޝައުޤުވެރިކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއަށް ގެންދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މީގެއިތުރުން ބައިނަލްއަޤްވާމީ ދުނިޔެއަށް ބަލާއިރު، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ޤާއިމުކުރެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަކީ ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ރާއްޖެއަށް ތައާރަފުކޮށް، ދަނޑުވެރިންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކަކާއި ފަހި ފުރުސަތުތަކެއް ހުޅުވާލަދިން ކާމިޔާބު ފިޔަވަޅެކެވެ.

މިފަދަ ބޮޑެތި ބަދަލުތަކަކާއެކު ދަނޑުވެރިކަން ކުރިއަރަމުން އަންނައިރު، ފަސްގަނޑާ ކުޅެ، ގައުމަށްޓަކައި ދަނޑުވެރިން އޮއްހަވާ ދާހިލުމުގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރު ކުލަގަދަކޮށް މި ފާހަގަކުރަނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. ޒަމާނީ އައު ވިސްނުންތަކާއެކު ކުރިއަށްދިޔުމަށް ބާރުއަޅައި، މިއަހަރުގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ “އީޖާދުން، މާދަމާގެ ދިރުން” މި މުހިންމު ޝިއާރެވެ.

އެހެންކަމުން ހަރުދަނާ ޤާނޫނީ އޮނިގަނޑުތަކާއި، ބޭރު ދުނިޔެއާއެކު ވެވޭ ވިޔަފާރީގެ އެއްބަސްވުންތަކުގެ އިތުރުން، ސަރުކާރުން ކަނޑައަޅާފައިވާ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިވަނީ އައު ދިރުމެއް ލިބިފައެވެ. މިއަދު ދިވެހި ދަނޑުވެރިކަން މިސްރާބު ޖަހާފައިވަނީ ހަމައެކަނި އަމިއްލަ ފުދުންތެރިކަމަކަށް ނޫނެވެ؛ އެހެން ނަމަވެސް އިޤްތިޞާދީ ގޮތުން ޤައުމު ބާރުވެރިކުރުވައި، ޒަމާނީ އީޖާދުތަކާއެކު ދިވެހި ދަނޑުވެރިކަން އައު އުސްމިންތަކަކަށް ގެންގޮސްދިނުމަށެވެ.











ކިޔުންތެރިންގެ ހިޔާލު