ފުލުހުންނަށް ކުރިއަށްގެންދާ ކޯސްތަކާއި ތަމްރީނުތަކުގައި ވަކި މާއްދާއެއް ނުވަތަ މޮޑިއުލެއްގެ ގޮތުގައި 'އިހުތިރާމް' ހިމެނުމަށް ނިންމަވާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ލ. ހިތަދޫގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ޚާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި 'އިހުތިރާމް' މޮޑިއުލެއްގެ ގޮތުގައި ހިމެނުމަށް މިހާރު ވަނީ ހަމަޖެހިފަކަމަށެވެ.
ސީޕީ ވިދާޅުވީ މި ބަދަލުގެ ސަބަބުން، ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި އިހުތިރާމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައްޔާއި އެހެން ފަރާތްތަކާ އެކު ކުރާ މުއާމަލާތްތަކުގައި ވެސް ފުލުހުން ކޮންމެހެން ހިފަހައްޓަންޖެހޭ އަސާސީ ސިފައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ކޯސްތަކުގައި މި މޮޑިއުލް ހިމެނުމުން ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުންގެ މެދުގައި ވެސް އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސަގާފަތެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.