ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގައުމީ ފުޓްސަލް އެރީނާ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އިމާރާތްކުރުމާއި ލޮޖިސްޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ލިއޯ ޓްރޭޑިން އާއެވެ. ފުޓްސަލް ކޮމްޕްލެކްސްއެއް އެޅުމަށް ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، މިނިސްޓްރީ އޮފް ފައިނޭންސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ހާމަކުރައްވާފައިވާ ގޮތުގައި، މި ކޮމްޕްލެކްސް ވެގެންދާނީ ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ މައި ދަނޑަކާއި، ތަމްރީނުތަކަށް ބޭނުންވާ އިތުރު ވަސީލަތްތައް އެކުލެވޭ ތަނަކަށެވެ.

އިޝްތިހާރު އިޝްތިހާރު

ކުރިން ހާމަކޮށްފައިވާ ޕްލޭންތަކަށް ބަލާއިރު، ތިން ފަންގިފިލާއަށް އިމާރާތްކުރާ މި އެރީނާގެ ގްރައުންޑް ފްލޯގައި އޮންނާނީ ބައިނަލްއަގުވާމީ ފެންވަރުގެ މައި ފުޓްސަލް ކޯޓެކެވެ. އަދި މަތީ ދެ ފަންގިފިލާގައި ތަމްރީނުތަކަށް ޚާއްސަކޮށްގެން ހަތަރު ޕިޗް ގާއިމުކުރެވޭނެއެވެ. މީގެއިތުރުން، ކުޅުންތެރިންނަށް ކިޔަވައިދޭ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމްތަކާއި، ޓެކްނިކަލް އަދި ބަސް ދަސްކޮށްދޭ ކޮޓަރިތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

މި އެރީނާގެ މަސައްކަތް ނިމުމުން، ގައުމީ ޓީމުތަކަށާއި، ރާއްޖޭގެ އެތެރޭގެ މުބާރާތްތަކަށާއި، އަދި އާ ކުޅުންތެރިން އުފެއްދުމަށް ޒަމާނީ ފެންވަރުގެ ވަސީލަތްތައް ލިބިގެންދާނެއެވެ.

މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުންޏެވެ.