މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 104 މިލިޔަން ރުފިޔާ ލިބިފައިވާކަން، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން މި އަހަރުގެ ސެޕްޓެންބަރު މަހު ނެރެފައިވާ ރިޕޯޓަށް ބަލާއިރު، އެ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 87.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 24 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ހަމައެކަނި ސެޕްޓެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 5.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު 5.2 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، ދަށް އަދަދެކެވެ.

މިދިޔަ އޯގަސްޓުމަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު އެވެ. އެހެންކަމުން ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިންނެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.











ކިޔުންތެރިންގެ ހިޔާލު