އިސްރާއީލުގެ އިދިކޮޅު ލީޑަރު ގާޑީ އެއިޒެންކޮޓް އިންތިޚާބުގެ ކާމިޔާބީ އިއުލާން ކޮށްފިއެވެ.
އިސްރާއީލުގައި އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިސްރާއީލުގެ ޓީވީތަކާއި ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން އިދިކޮޅު ލީޑަރު އެއިޒެންކޮޓްގެ ކޯލިޝަނަށް 53 ގޮނޑި ލިބޭނެއެވެ. ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 50 ގޮނޑިއެވެ.
ގާޑީ އެއިޒެންކޮޓް ނެރުނު ބަޔާނެއްގައި އިންތިޚާބުގެ ކާމިޔާބީ އިއުލާންކޮށް ބުނެފައިވަނީ، އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދޭންޖެހެނީ އޭނާއަށް ކަމަށެވެ.
އިސްރާއީލުގެ ޕާލަމެންޓު، ކްނެސެޓްގައި 120 ގޮނޑި ހިމެނޭއިރު ސަރުކާރެއް އެކުލަވާލަން 61 ގޮނޑި ބޭނުންވެއެވެ.
އިންތިޚާބުގައި ވާދަކުރި އަރަބި ޕާޓީތަކަށް 17 ނުވަތަ 18 ގޮނޑި ލިބޭނޭ ކަމަށް ވަގުތީ ނަތީޖާއިން ދައްކާފައި ވެއެވެ.
އިސްރާއީލުގެ ސިޔާސީ ނިޒާމު އޮންނަގޮތުން، ސަރުކާރެއް އުފައްދަން އެންމެ ފުރަތަމަ ފުރުސަތު ލިބޭނީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ކޯލިޝަނަކަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ފުރުސަތު ބޮޑީ ގާޑީ އެއިޒެންކޮޓަށެވެ.
ވަގުތީ ނަތީޖާއާއެކު ނަތަންޔާހޫގެ ސިޔާސީ ކެރިއަރު ނިމުމަކަށް އައީކަމަށް ބައެއް މީހުން ވާހަކަ ދައްކަމުން އެބަ ގެންދެއެވެ.
އެއިޒެންކޮޓް ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިސްރާއީލު ރައްޔިތުން ނަތަންޔާހޫއަށް އިތުބާރު ނުކުރާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ފުރުސަތު ލިބިއްޖެނަމަ އޭނާ އެކުލަވާލާނީ "ޒަޔަނިސްޓު ސަރުކާރެއް" ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު އެއިޒެންކޮޓް އިންތިޚާބުގެ ކާމިޔާބީ އިއުލާން ކޮށްފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.