އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކ. ގުރައިދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އަންގާރަދުވަހުގެ މެންދުރުވަގުތެއްގައި ޓީމު މާލެ އައުމަށްފަހު، ޓީމު ކޭމްޕްކުރުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށްވަނީ ގޮސްފައެވެ. ޓީމު އެރަށަށް ދިއުމުން ފަލަސްޠީނުގެ ޒުވާން ކުޅުންތެރިންނަށް މަރުހަބާ ކިއުމަށްޓަކައި ރަށުގެ ކުދިބޮޑު އެންމެންވަނީ ބަނދަރު މައްޗަށް ޖަމާވެފައެވެ. އަދި ޒުވާން ޓީމުގެ ޝަރަފުގައި ބޮޑުބެރުގެ ޘަޤާފީ ހަރަކާތްތަކެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ ފަލަސްޠީނު ޓީމަށް މަރުހަބާ ކިއުމަށް ރަށުގެ ކުދިބޮޑު އެންމެން ޖަމާވިކަމަށެވެ. އަދި ޓީމަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ތިބީ ތައްޔާރަށްކަމަށާއި ޓީމުގެ ފަރިތަކުރުންތަކަށް ރަށުގެ ދަނޑު ތައްޔާރުކޮށްދީފައިވާކަމަށެވެ.
"އެކުދިން މައިގަނޑުގޮތެއްގައި ބޭނުންކުރާނީ ފުޓުބޯޅަ ދަނޑު. ހުރިހާ ވަގުތަކުވެސް ދަނޑު ލިބޭނެ އެކުދިންނަށް. އޭގެ އިތުރުން ބީޗް ސަރަހައްދުވެސް ޓީމުގެ ރިކަވަރީއަށް ބޭނުންކުރާނެކަމަށްވަނީ ބުނެފައި" ޝަލީޒް
ޝަލީޒް އިތުރަށް ވިދާޅުވީ މިފަދަ ފުރުސަތެއް އެރަށަށް ލިބުމަކީ ލިބުނު ބޮޑު އުފަލެއްކަމަށެވެ. ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އަދިވެސް އިތުރު ބައެއް ކަންކަން ރާވަމުންދާކަމަށްވެސް އޭނާ މައުލޫމާތުދެއްވިއެވެ. އެގޮތުން ރާއްޖޭގެ ޘަޤާފަތް ދައްކާލުމަށް މޯލްޑިވިއަން ނައިޓްއެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް ޝަލީޒް ހާމަކުރެއްވިއެވެ.
ފަލަސްޠީނުގެ ޒުވާން ޓީމު ރާއްޖޭގައި ކުރަމުންދާ މި ކޭމްޕުގެ ތެރެއިން އެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ 2 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މި ދެ މެޗު މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗު ކުޅެން ތާވަލުކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗު ކުޅޭނީ އަންނަ ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.