އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރިއަށްއޮތް އިސްރާއީލުގެ އާންމު އިންތިޚާބުގައި ވާދަކުރާ މުޖުރިމު ނަތަންޔާހޫ އެންޑޯޒް ކޮށްފިއެވެ.
އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ތައުރީފް ކޮށްފައެވެ. ބުނެފައިވަނީ، ނަތަންޔާހޫއަކީ ދެކޮޅުވެރިންގެ ކުރިމަތީގައި ވަރަށް "ހިތްވަރުގަދަ" މީހެއް ކަމަށާއި، އާދައިގެ މީހެއްނަމަ މިހާރު ފަހަތަށް ޖެހިދާނެ ކަމަށެވެ.
ނަތަންޔާހޫއަކީ ސުލްހައަށްޓަކައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ. ނަތަންޔާހޫއާ ނުލައި އެމެރިކާ އީރާނާ ކުރިމަތިލާން ޖެހޭނީ އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.
ޓްރަމްޕް ބުނީ، ނަތަންޔާހޫ ނޫން މީހަކު އިސްރާއީލުގެ ވެރިކަމަށް އަތުވެއްޖެނަމަ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް އޮތް ތާއީދު ބަލިކަށިވެދާނެ ކަމަށެވެ. އިސްރާއީލުން އެމެރިކާ ބޭނުންވަނީ ނަތަންޔާހޫފަދަ ލީޑަރެއް ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މުޖުރިމު ނަތަންޔާހޫ އެންޑޯޒް މިކުރީ، އޭނާ އިތުރު ދެ އަހަރު ބޮޑުވަޒީރުކަމުގައި ބަހައްޓަން ޓްރަމްޕް ޕްލޭނެއް ހަދާފައިވާ ކަމުގެ ރިޕޯޓްތަކެއް މިދިޔަ ހަފްތާގައި ފެތުރިފައި ވަނިކޮށެވެ.
އެމެރިކާގެ ރައީސްގެ ޕޯސްޓްގައި އީރާނަށްވެސް ވަރުގަދަ އިންޒާރުތަކެއް ދީފައި ވެއެވެ.
ޓްރަމްޕް ބުނެފައިވަނީ، އީރާނުން ދޫނުދީފިނަމަ އެމެރިކާއިން ވަރަށް އަވަހަށް "އީރާނުގެ ކަންތައް" ނިންމާނެ ކަމަށެވެ.
މިއާ ވިއްދައިގެން އެމެރިކާގެ ރައީސް ބުނީ، އީރާނު މިހާރު އޮތީ އަސްކަރީ ގޮތުންނާއި މާލީގޮތުންވެސް ނިޒާމީ ގޮތުން "ނައްތާލެވިފައި" ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.