ޣައްޒާގެ ބިމުގެ 70 އިންސައްތަ ފޭރިގަންނަން، އިސްތިއުމާރީ ދައުލަތުގެ ބޮޑު މުޖުރިމު ނަތަންޔާހޫ އޭނާގެ ޓެރަރިސްޓު ސިފައިންނަށް އަމުރުކޮށްފިއެވެ.
އިސްރާއީލުގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އިސްރާއީލު ސިފައިން ކުރިން ކޮންޓްރޯލް ކުރަމުންދިޔައީ ޣައްޒާގެ ބިމުގެ 50 އިންސައްތަ ކަމަށާއި، އޭގެފަހުން 60 އިންސައްތަ ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ.
އަދި ޣައްޒާގެ ބިމުގެ 70 އިންސައްތަ ކޮންޓްރޯލް ނަގަން އޭނާ މިހާރު ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަތަންޔާހޫ މި ވާހަކަ ދައްކަމުން ގެންދިޔައިރު އޯޑިއަންސްގައި ތިބި ޔަހޫދީން ގޮވަމުންދިޔައީ 100 އިންސައްތަ ހިފުމަށެވެ.
ޣައްޒާގެ ބިމުގެ 70 އިންސައްތަ އިސްތިއުމާރުކޮށް ފޭރިގަންނަން މުޖުރިމު ނަތަންޔާހޫ އޭނާގެ ސިފައިންނަށް މި އަމުރުކުރީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހަދައި މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އެއްބަސްވުމަށް މުޅިން ޚިލާފަށެވެ.
އެއްބަސްވުމުގައި ކަނޑައަޅައިގެން އިސްތިއުމާރީ ސިފައިން ޣައްޒާގައި އެމީހުން ހެދި “ޔެލޯލައިނާ” ހަމަށް ފުރަތަމަ ފަހަތަށް ޖެހުނެވެ. ފަހަތަށް ޖެހުމުން އިސްތިއުމާރީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތީ ޣައްޒާގެ ބިމުގެ 53 އިންސައްތައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އެއްބަސްވުން ހެދުމަށްފަހު ހަމާސްއިން ހަމަލާތައް ހުއްޓާލާފައި ވާއިރު، އެއްބަސްވުމުގައި އިސްރާއީލުން ކުރަން ކަނޑައެޅި އެއްވެސް ކަމެއް ނުކުރެއެވެ.
ޣައްޒާއަށް ކޮންމެ ދުވަހަކުހެން ވައިގެ މަގުންނާއި އެއްގަމުމަގުން ޓެރަރިސްޓު ހަމަލާދީ، ޣައްޒާގެ ކުޑަކުދިންނާއި، އަންހެނުންނާއި އާންމުން ޝަހީދުކޮށް ގެތަކާއި އިމާރާތްތައް ވައްޓައި، ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެކުރަންވެސް ޒަޔަނިސްޓު ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ.
ނުވިތާކަށް، ޣައްޒާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތައް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އާންމުން ޝަހީދުކުރުންވެސް އިތުރުކޮށްފައި ވެއެވެ.
ޒަޔަނިސްޓު ޓެރަރިސްޓު ދައުލަތުން މުޅި ޣައްޒާ އިސްތިއުމާރުކުރަން ތައްޔާރުވަމުންދާއިރު، ޓްރަމްޕް ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަންކުރަން ޓްރަމްޕް އެކުލަވާލި ކޮމިޓީއަށް އަދި މިހާތަނަށްވެސް ޣައްޒާއަށް ވަދެވިފައެއް ނުވެއެވެ. ޣައްޒާއާ ގުޅޭ އެއްވެސް މަސައްކަތެއްވެސް ނުކުރެވެއެވެ. އެ ކޮމިޓީއިން އެއްވެސް ކަމެއް ކުރަން ނަތަންޔާހޫ ބޭނުން ނުވާތީއެވެ.
ޣައްޒާއަކީ ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އިސްތިއުމާރީ ސިފައިން ޣައްޒާގެ އުތުރާއި، މެދުތެރެއާއި އަދި ޣައްޒާގެ ދެކުނު އެކަށްހެން ކަހަލަ ގޮތަކަށް ސުންނާފަތި ކޮށްލާފައި ވާއިރު، ޣައްޒާގެ އާންމުން ފައްސަމުން ފައްސަމުންގޮސް މިހާރު ތިބީ ޣައްޒާގެ ބިމުގެ ކުޑަ ތަންކޮޅަކަށް ތޮއްޖައްސާފައެވެ. މިހާރު އެ ރާވަނީ އިތުރަށް ފިއްތާލުމަށެވެ.
ޣައްޒާގެ އާންމުން ޝަހީދުކޮށް، ޣައްޒާގެ ބިންތައް އިސްތިއުމާރީ ޓެރަރިސްޓުން ފޭރިގަންނަވަމުން ގެންދާއިރު، އެމެރިކާގެ ރައީސްކަމުގައި ހުރި ޓްރަމްޕް ގެންދަނީ މުޖުރިމު ނަތަންޔާހޫއަށް އެކަމުގައި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
ޣައްޒާގައި ވެރިކަންކުރުމުގެ ނަމުގައި ޓްރަމްޕް ކޮމިޓީއެއް ހެދީވެސް، ހަމާސްގެ ދެއަތް ބަނދެ، މުޅި ޣައްޒާ ފޭރިގަތުމަށް ނަތަންޔާހޫއާ ދެމީހުން ރާވައިގެންކަން މިހާރު ދަނީ ސާބިތުވަމުންނެވެ.
އިސްތިއުމާރީ ދައުލަތުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއްކަން އދއާއި ދުނިޔޭގހެ ކޯޓުތަކުން ކަނޑައަޅާފައި ވީނަމަވެސް، އެމެރިކާއާއި ޒަޔަނިސްޓު ދައުލަތް ހުއްޓުވަން ދުނިޔެވަނީ ނުކުޅެދިފައެވެ.










ކިޔުންތެރިންގެ ހިޔާލު