ހޮރްމޫޒު ކަނޑުއޮޅި ކައިރިން އަރަބި ކަނޑުން ދަތުރުކުރި ގަތަރުގެ ގޭސް ޓޭންކަރަށް ދިން ހަމަލާ، ގަތަރު ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ހަމަލާ އަމާޒުވީ އަލް މައިދާ ނަމަކަށްކިޔާ ލިކުއިފައިޑް ނެޗުރަލް ގޭސް – އެލްއެންޖީ ޓޭންކަރަށެވެ. މިއީ، ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޓޭންކަރެކެވެ.
މި ހަމަލާއާ ގުޅިގެން ގަތަރު ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކަނޑުތަކުގެ ސަލާމަތާއި، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވެގެންދިޔަ ނުރައްކާތެރި އަމަލެއް ކަމަށެވެ.
ގަތަރުގެ ގޭސް ޓޭންކަރަށް އަމާޒުވި ހަމަލާއާއެކު އެ ޓޭންކަރުން ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.
ޓޭންކަރު ނިސްބަތްވާ ކުންފުނިން ބުނެފައިވަނީ، ޓޭންކަރަށް ހަމަލާ ދިން ނަމަވެސް އޭގައި ތިބި އެއްވެސް ކްރޫއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޓޭންކަރަށްވެސް ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.
ގަތަރުގެ ގޭސް ޓޭންކަރަށް ހަމަލާދިނީ ކޮން ބައެއްކަމެއް ސީދާ ސާފެއް ނުވެއެވެ.
އެހެން ނަމަވެސް ގަތަރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަތަރުގެ މުދާ ހިމާޔަތްކުރުމާއި، މަސްލަހަތު ރައްކާތެރިކުރުމާއި، އުޅަނދުތަކާއި ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނާއި އދގެ ޗާޓަރާ އެއްގޮތަށް ގަތަރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމަށެވެ.
ގަތަރުގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، ގޭސް ޓޭންކަރަށް ދިން ހަމަލާއަކީ ފަރުވާކުޑަ، ޒިންމާދާރުކަން ކުޑަ ނުރައްކާތެރި އަމަލެއް ކަމަށާއި، ނުރައްކާތަކާއި، މިއީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށާއި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރާނޭ އަމަލުތަކެއް ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، ހަމަލާ އަމާޒުވި ޓޭންކަރަކީ ޕާކިސްތާނަށް ގޭސް ހިފައިގެން ދަތުރުކުރި ޓޭންކަރެއް ކަމަށެވެ. އެ ޓޭންކަރަށް ހަމަލާ ދެވުނީ ހޮރްމޫޒު ހުރަސްކުރަން ޕާކިސްތާނުން އީރާނުގެ ހުއްދަ ހޯދާފައި ވަނިކޮށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ގޭސް ޓޭންކަރަށް ހަމަލާދިނީ އީރާނުގެ އިންގިލާބީ ލަޝްކަރުން ކަމަށް ބައެއް މީޑިއާ ވަސީލަތްތަކުން ހާމަކުރި ނަމަވެސް އެކަމާ ގުޅޭގޮތުން އީރާނުން އަދި ގަތަރުވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.

އިޝްތިހާރު އިޝްތިހާރު