ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު އެ ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

މި މައްސަލައަކީ ކްރިމިނަލް ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި، މިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދަށު ކޯޓުން ނިންމި ނިންމުމުގައި އެއްކިބާކުރުމަށް އެދިފައިވާ ހެކި މިޒާންކޮށް ވަޒަންހަމަކޮށްފައިވާ ގޮތް ބަޔާންކޮށްފައި ނުވާތީ، މައްސަލައިގައި ޢަދުލުއިންސާފު އެއްކޮށް ގެއްލިފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މުހިންމު ޤަޟިއްޔާތަކަކަށް ވަނީ ރިޢާޔަތްކުރައްވާފައެވެ. އެގޮތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ މަރުޙަލާގައި ވެސް އިތުރަށް ބަހުސްކުރެވި ގޮތް ނިންމޭ ކަންކަން ކަމުގައިވުން ހިމެނެއެވެ. އަދި މައްސަލައިގެ ޝަރީޢަތުގައި އެކަންކަން ހުށަހެޅުމުގެ ބަދަލުގައި، ވަކިން އިސްތިއުނާފަށް ހުށަހެޅުމަކީ ދަށު ކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖެހި، ޝަރީޢަތް ދިގުލައިގެން ދިއުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރުމަށް ފުރުޞަތު އޮންނަނީ، ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުޞަތު ނެތް ކަންކަމުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ރަޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކުރެއްވިއެވެ. ހަމައެއާއެކު މިއަދު ނިންމެވި ނިންމެވުމުގައި، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހެއްކެއް އެއްކިބާކޮށްފައި ނުވާކަމަށާއި، އަދި ހެކި އެއްކިބާނުކުރި ސަބަބު ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ބަލައިނުގަނެވޭނެ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަނެވޭ ހެއްކެއް އެއްކިބާކުރުމުން ކަމަށާއި، ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން ޝަރީޢަތުގެ މަރުޙަލާގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށް ރަޖިސްޓްރާގެ ނިންމެވުމުގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޙަވާލާދެއްވައި، މިއަދު ރަޖިސްޓްރާ ވަނީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމަވާފައެވެ.