ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާގެ ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.
މާދަމާއަށް ތާވަލުކުރި އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ދައުލަތުގެ ވަކީލުން ބަލިވެ އުޅުއްވާތީ، ދައުލަތުގެ ފަރާތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިމިފައެވެ. މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެއްކާބެހޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާއެވެ.

އެ މައްސަލައިގެ ޝަރީއަތް ހެއްކާބެހޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާގައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، ފުއްގިރި ކުއްޔަށް ދީފައިވަނީ އެ ރަށަށް ހުށަހެޅުނު އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ހެކިވެރިއަކު ވަނީ ހެކިބަސް ދީފައެވެ.
މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި އެގާރަ އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފައެވެ.
އާރަށް މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އާރަށް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުން އޮތީ މަޑުޖައްސާލައިފައެވެ.










ކިޔުންތެރިންގެ ހިޔާލު