މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ރައްކާކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހ. ކަރޯގެ، ރަޝްވާން އައްބާސް (53އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.

މިދިޔަ މަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ނެރުނު އަމުރުގެ ދަށުން، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އޭނާ ބަންދުގައި ބަހައްޓަން ވަނީ ނިންމާފައެވެ. ކޯޓުން ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ، ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.

ދައުލަތުގެ ވަކީލުން ޝަރީއަތުގައި ފާހަގަކުރެއްވި ގޮތުގައި، މިއީ ބިދޭސީންތަކެއް ނިވާފަތްގަނޑަކަށް ހަދައިގެން ރޭވުންތެރިކަމާއެކު ރަޝްވާން އިސްވެ ހުރެ ހިންގަމުންދިޔަ ބޮޑު ނެޓްވޯކެކެވެ. ނަމަވެސް، ދިފާއީ ވަކީލުން ވަނީ މިއީ ޖިނާއީ ކުޑަ މައްސަލައެއް ކަމަށް ބުނެ، މިހާތަނަށް އެކަށީގެންވާ މުއްދަތަކަށް ބަންދުގައި ބަހައްޓާފައިވާތީ އޭނާ ދޫކޮށްލުމަށް އެދިފައެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް ރަޝްވާން ވަނީ އިންކާރުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހ. މާދޫގޭގެ ދެ ފަންގިފިލާއެއް ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ ވަނީ ފެނިފައެވެ. އެ ގޭގައި ހިންގާ އޮފީހެއްގެ ތެރޭގައި ވަކި ބަޔަކަށް ވަދެވޭ ގޮތަށް ހަދާފައިވާ ބައެއްގައި ބަނގުރާ ބަހައްޓަން ރެކު ހަރުކޮށްފައިވާއިރު، އެ ތަނަށް ވަނުމުގެ ހުއްދައާއި ބާރު އޮންނަނީ ރަޝްވާނަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށްވާ އަލް އަމީން (34އ)، ޕޮލިން (43އ) އަދި އެމްޑީ ރަކިބް ހޮސެން (25އ) ވެސް ހައްޔަރުކޮށްފައެވެ. އެ މީހުން ކޯޓުގައި ބުނެފައިވަނީ ބަނގުރާ ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ ރަޝްވާން އެ މީހުންނަށް އިންޒާރުދީ ބިރުދައްކާތީ ކަމަށެވެ.