ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗަކީ ތައިލެންޑުގެ ބެންކޮކުގައި ދިރިއުޅޭ ޕާކިސްތާނު މީހަކު ރާއްޖެ ގެނައުމަށް ހަވާލުކުރި އެއްޗެއް ކަމަށް، އެ ތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ނޭޕާލުގެ ދެ މީހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ނިއްކަ ތަމަންގް އާއި 40 އަހަރުގެ އީގްރާނީ ގަލެއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައެވެ. ހަށިގަނޑުގައި އެއްޗެއް ހުރި ކަމަށް ޝައްކުކުރެވިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ސްކޭން ކުރުމުން އެ މީހުންގެ ހަށިގަނޑުން ފޮރިން ބޮޑީސް ފެނިފައިވެއެވެ.
ކަސްޓަމްސްއިން ތަފްސީލު ދީފައިވާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑުން 142 ބުލެޓުގެ މަސްތުވާތަކެތި ފެނިފައިވާ އިރު، އެ ތަކެތީގެ މުޅި ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ 51.6 ގްރާމް މޯފިން އާއި 424 ގްރާމް ކޮކެއިންގެ އިތުރުން 708.2 ގްރާމް ހެރޮއިންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަރުޖަމާނަކު ހާޒިރުނުކުރެވޭތީ އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލީސް ސާވިސްއިން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.