ޔޫއޭއީގެ ދުބައިގައި ހުންނަވައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި، އެ ޤައުމުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއަށް އެންމެ ގިނައިން އިންވެސްޓްކުރާނީ ޔޫއޭއީގެ ރައްޔިތުން ކަމަށް ޤަބޫލުކުރައްވާ ކަމަށް ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ޙުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
މުހައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވީ ޔޫއޭއީގެ ރައްޔިތުންނަކީ ރިއަލް އެސްޓޭޓް ވިޔަފާރިއަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ. އަދި ދުބައީއަކީވެސް ރިއަލް އެސްޓޭޓް ދާއިރާއިން ވަރަށް ބޮޑަށް ކުރިއަރާފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވީ ޔޫއޭއީގެ މީހުންގެ މެދުގައި އެންމެ ޝައުގުވެރިކަން ބޮޑު އެއް ޤައުމަކީ ރާއްޖެ ކަމަށެވެ. އަދި ޔޫއޭއީގެ ރައްޔިތުންނަކީ ފަތުރުވެރިކަމުގެ ބޭނުމަށް ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ބައެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެއާ މެދު ޔޫއޭއީގައި ބޮޑު ޝައުގުވެރިކަމެއް އޮތްކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމަށް އެ މީހުން ވަރަށް ފަރިތަވާނެ ކަމަށެވެ. ރާއްޖެއިން މިފަދަ ފުރުސަތެއް ލިބުމުން ރަސްމާލެއަށް އެންމެ ގިނައިން އިންވެސްޓްކުރާނީ ނުވަތަ އެތަނުން އެޕާޓްމެންޓްތަކާއި ވިލާތައް ގަންނާނީ ޔޫއޭއީގެ ރައްޔިތުން ކަމަށް ޔަގީންކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލެއިން އެ މީހުން ޕްރޮޕަޓީސްތައް ގަންނާނީ "ސަމާ ހޯމްސް"ގެ ގޮތުގައި ކަމަށާއި، އެ މީހުން ރާއްޖޭގައި ވަޒަންވެރިނުވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ދުބައީގެ ޑައުންޓައުން ބިނާކުރުމުގެ އެންމެ ބޮޑު ހިއްސާދާރަކީ އެމާރު ކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، އެމާރުން ދަނީ އަބޫދާބީގައިވެސް ރިއަލް އެސްޓޭޓް ވިޔަފާރި ހިންގަމުން ކަމަށެވެ. އަދި ޝާރްޖާގައި މަރިޔަމް އައިލެންޑް ތަރައްގީކުރަމުންދަނީވެސް އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއާ ވަރަށް އެއްގޮތް މަޝްރޫއެއްގެ މަސައްކަތް އީގަލް ހިލްސްއިން ކުރަމުންދާ ކަމަށާއި، އެއީ ރަމްހާން އައިލެންޑް މަޝްރޫއު ކަމަށް މުންދު ވިދާޅުވިއެވެ. މީގެ އިތުރުން އަބޫދާބީގެ ސިޓީ ސެންޓަރު ކައިރީގައި އޮންނަ ލޫލޫ އައިލެންޑް ތަރައްގީކުރަނީވެސް އީގަލް ހިލްސްއިން ކަމަށާއި، އެފަދަ ތަޖުރިބާހުރި ބަޔަކު ރާއްޖޭގައި އިންވެސްޓްކުރުމަކީ ލިބޭ ބޮޑު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.