ރަސްމާލޭގައި 20 މިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއެއް ހިންގާ މައްސަލައާ ގުޅިގެން، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނޭ 60 އަށް ވުރެ ގިނަ މެންބަރުންގެ އެދުމުގެ މަތިން ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 އަށެވެ. މި ބައްދަލުވުން ބޭއްވުމަށް އެދި މެންބަރުން ހުށަހެޅުއްވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރަސްމާލެ މަޝްރޫއަށް ތާއީދު ކުރައްވަމުންނެވެ. އަދި އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވާނަމަ ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ ނުސީދާ އިންޒާރެއް ވެސް އެމަނިކުފާނު ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ދެއްވާފައެވެ.
މިކަމާ ގުޅިގެން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކަންބޮޑުވުން ފާޅުކުރެއްވި މެންބަރުން ވިދާޅުވެފައި ވަނީ، މިފަދަ މަޝްރޫއުތަކަށް އެމްޑީޕީން ދީލާލައިގެން ނުވާނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ޕާޓީން އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.