ޤައުމަކަށް މޮޅާއި ލާބަ ލިބެނީ އެބައެއްގެ ތެރޭގައި އަށަގެންފައިވާ އަޚުލާގީ ސިފަތައް ހުރި ނެތް ގޮތަކުންކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް ފެއްޓުވުމަށް ނިންމެވީ ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަދަބު އަހުލާގުގެ ރިވެތި މިނގަނޑުތައް މުޖުތަމައުގައި އަލުން އަށަގެނެވުމުގެ ބޭނުމުގައި ކަމަށެވެ.
މިއީ ދިވެހި ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، އަދަބާއި އިޙުތިރާމްއަކީ އިންސާނީ މުޖުތަމައެއްގެ ފުރާނަ ކަމަށާއި އެއީ އިންސާނީ އެންމެ ފުނުން އުފެދޭ އަޚުލާޤީ ރިވެތި ރޫހެއް ކަމަށެވެ. ހަމައެހެންމެ އެއީ އެހެން މީހުންގެ އިހްސާސްތަކަށް ހިތް ހުޅުވާލާ، އެހެން މީހުންގެ ހާލަތު ހިތަށް ގެނެސްގެން ބަލައިގަންނަ ބަލައިގަތުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އިޙުތިރާމް ކުރުމުގެ މަތިވެރި އަސާސްތައް ފެށިގެން އަންނަނީ އަމިއްލަ ނަފްސައް ބާރުފޯރުވާއި އަނެކާގެ އިންސާނީ ކަރާމާތް ޤަބޫލްކުރާ ހިސާބުން. އިޙުތިރާމްއަކީ ފައިސާއިން އަގުނުކުރެވޭ ކޮނޑުއަޅައިގެން ނުއުފުލޭ ދުލުން ބަޔާން ނުކުރެވޭ، ހިސާބުން އަދަދު ނުކުރެވޭ ހަދިޔާއެއްކަމަށް. މިއީ އިންސާނާގެ ރީތިކަމުގެ ސިފަތަކުން އެންމެ ރީތި ސިފަ. މި ސިފަތައް ލިބިފައިވާ ފަރުދުންގެ މައްޗަށް އެކުލެވޭ ޤައުމީ މުޖުތަމައުވާނީ ކޮންފަދަ ނަސީބުވެރި މުޖްތަމައުއަކަށްތޯ" ހިނާ ވިދާޅުވިއެވެ.
ކޮންމެ މީހަކީވެސް އިޙުތިރާމް އަދާކުރާ މުޖުތަމައުގެ ބައިވެރިއަކަށްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.