ދިވެހިންގެ ތާރީޚުގައި ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި، ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ ހެޔޮލަފާ ސުލޫކާއި ރިވެތި އާދަތައް ދެމެހެއްޓުމުގެ މުހިންމުކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ބާރުއަޅުއްވައިފިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މަލާބާރީން ނުވަތަ ހޮޅިންގެ ވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮން ބަންޑާރައިން) ގެ މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރައްވައި، އެ ދުވަހުގެ ތާރީޚީ މުހިންމުކަމަށް ބައްލަވާލައްވާފައެވެ.

ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޚާއްޞަ ދުވަހެއް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް ގައުމަށް އިސްކަންދީ، ގައުމީ ލޯބި ހިތުގައި ބަހައްޓައި، އަދި އިހުގެ ކާބަފައިން ދައްކުވައިދިން ރިވެތި އަޚްލާޤީ ހަމަތައް ދިރުވައި އާލާކުރުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު އެކުލެވިގެންވަނީ ހަމައެކަނި ފެންނަން ހުންނަ އުމްރާނީ ތަރައްގީއަށް އެކަނި ނޫންކަމަށާއި، އިންސާނީ ތަރައްގީއަށްވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާކަން ވަޒީރު ބަޔާންކުރެއްވިއެވެ. އެގޮތުން، ގައުމިއްޔަތުގެ ރޫހު އަށަގެންފައިވާ ދިވެހި ދަރިންތަކެއް ބިނާކުރުމަށްޓަކައި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، އަދި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން، އުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި މިފަދަ ފިކުރީ އަދި އިންސާނީ ބިނާކުރުންތައް ކުރިއަށްދިއުމަކީ ފުރިހަމަ ތަރައްގީއެއް ހާސިލުވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ހަގީގީ ތަރައްގީގެ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް ކުރާނީ އިންސާނީ ވިސްނުމާއި ސިކުނޑިތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިގެންކަން ފާހަގަކުރައްވަމުން، ދިވެހިވަންތަކަމާއި ރިވެތި އާދަތައް އަލުން ދިރުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުތަކަށް އެކަމަނާ ތައުރީފުކުރެއްވިއެވެ.

ތާރީޚީ ހާދިސާތަކަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދޮން ބަންޑާރައިން ގައުމު ސަލާމަތްކުރެއްވުމުގެ މައިދާނަށް ނުކުމެވަޑައިގަތީ ވެރިކަމުގެ ދަހިވެތިކަމުގައި ނުވަތަ ލިބޭނެ ޝަރަފަކަށް ބައްލަވައިގެން ނޫން ކަމަށެވެ. އަދި ދިވެހި ތަޚުތު އެމަނިކުފާނަށް ހުށަހެޅުމުންވެސް އެކަމާ ދެކޮޅުހައްދަވައި، އޭރު ހޮޅިންގެ ހައްޔަރުގައި ހުންނެވި ދިވެހި ރަދުންނަށް ވަފާތެރިކަން ދައްކުވައިދެއްވި ކަމަށެވެ. އަމިއްލަފުޅަށް ރަސްކަން ކުރެއްވެން އޮތް ނަމަވެސް، އެ ރަދުންގެ ދަރިކަލަކު ތަޚުތަށް އިސްކުރައްވައިގެން ވެރިކަން ހިންގަވައިދެއްވުމުން ދޭހަވަނީ އެމަނިކުފާނުގެ އަމާނާތްތެރިކަން ކަމަށާއި، ދޮން ބަންޑާރައިންނަކީ ގައުމީ އަބްޠާލުންގެ ތެރެއިން ނަމޫނާ މިސާލެއް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.