އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަންވާނީ އިންސާނީ ވިސްނުން ކުރިއެރުވުމަށް ކަމަށާއި، ނުރަނގަޅު ތަޞައްވުރު ފެތުރުމަކަށް ނޫން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގެ ތެރެއިން ބޭއްވި ޚާއްޞަ ޖޮއިންޓް ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ސަގާފީ ގުޅުންތައް ބަދަހިކުރުމުގައި އޭއައި ބޭނުންކުރެވިދާނެ ގޮތްތަކާމެދުގައެވެ.
މި ފޯރަމް ބޭއްވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި އެކި ޤައުމުތަކުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި، އޭއައިގެ ވަސީލަތްތަކަކީ އެކަކު އަނެކަކަށް އޮންނަ އިޙްތިރާމް އިތުރުކޮށްދޭ ވަސީލަތްތަކަކަށް ހެދުމަށް ގޮވާލެއްވިއެވެ. އަދި އޭއައި މެދުވެރިކޮށް ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ އެދިވަޑައިގަތެވެ.
ފުރިހަމަނުވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާވެފައިވާ އޭއައި ނިޒާމުތަކުގެ ސަބަބުން ނުރަނގަޅު ވިސްނުންތައް ފެތުރުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ފަންނިއްޔާތުގެ ގުޅުންތައް އިތުރުވުމަކީ އޭގެ ޒާތުގައި އިޙްތިރާމް އުފެދޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ތަޞައްވުރަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ ފަންނިއްޔާތުގެ ކުރިއެރުންތައް މުޖުތަމަޢަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އިޤުތިޞާދީ ކުރިއެރުމާއެކު ފަންނިއްޔާތަކީ އިޙްތިރާމްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޑިޖިޓަލް ނިޒާމުތަކުގައި އެކި މުޖުތަމަޢުތަކާއި ބަސްބަސް ހަމަހަމަކަމާއެކު ތަމްސީލުވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑިޖިޓަލް މުސްތަޤުބަލުގައި ބަހަކަށް އޮންނަ މަޤާމަކީ ހަމައެކަނި އެ ބަސް ބޭނުންކުރާ އާބާދީގެ ކުޑަބޮޑުމިނަށް ބިނާވެގެންވާ ކަމެއް ނޫން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އާބާދީ ކުޑަވި ނަމަވެސް މުސްތަޤުބަލު ބައްޓަންކުރުމުގައި ރާއްޖެއަށް އޮތް ޙައްޤު ހަމަހަމަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުތަކާއި ފަންނިއްޔާތު އުފައްދާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އޭއައި އިން އުފައްދާ މަޢުލޫމާތު ވަޒަންކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފަންނިއްޔާތުގެ މުސްތަޤުބަލު އޭއައި އިން ބައްޓަންކުރި ނަމަވެސް، އިންސާނީ މުސްތަޤުބަލު ބައްޓަންކުރަންވާނީ ޒިންމާދާރުކަމާއެކު ކަމަށް ވިދާޅުވަމުން އެކަމަނާ ވާހަކަފުޅު ނިންމަވާލެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.