އިންޑޮނޭޝިއާގެ ޖާވާގެ ކެންޑީ އުފައްދާ ފެކްޓަރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުން 24 ކޮތަޅެއްގައި އިންސާނީ ހަށިގަނޑުގެ ބައިތައް ނެރެ، ގެއްލިފައިވާ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަލުން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ސެރަންގް ސަރަހައްދުގެ ސިކަންޑޭގައި ހުންނަ ޕީޓީ ފޮނޫސާ އަގުންގް މުލިއާ ކިޔާ ފެކްޓަރީއެއްގައެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މި އަލިފާނުގެ ހާދިސާގައި އަނދަމުންދިޔަ ބައެއް ތަންތަން ނިއްވުމުގެ މަސައްކަތް އާދީއްތަ ދުވަހުވެސް ފަޔަރފައިޓަރުން ވަނީ ކޮށްފައެވެ. އަދި ރޭގަނޑަށް މެދުކަނޑާލުމަށްފަހު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހޯމަ ދުވަހުގެ ހެނދުނު އަލުން ފަށާނެ ކަމަށް ބަންޓެން ޕްރޮވިންސްގެ ޕޮލިސް ޗީފް ހެންދުރާ ކުރުނިއާވަން ވަނީ ވިދާޅުވެފައެވެ.
ފެކްޓަރީ ހިންގާ މައި ކުންފުނި ކަމަށްވާ ޕީޓީ ޔުނައިޓެޑް ފެމިލީ ފުޑްގެ ސީއީއޯ ސްޓީވަން އާވިން ވިޖަޔާ ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެ ޝިފްޓުގައި ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށާއި އަލިފާން ރޯވި ސަރަހައްދުގައި 65 މީހުން ތިބި ކަމަށް ބެލެވޭ ކަމަށެވެ. ކުންފުނީގެ ބަޔާނުގައިވާ ގޮތުން އޭގެ ތެރެއިން 24 މީހަކު ސަލާމަތްވެގެން ގެއަށް ގޮސްފައިވާއިރު، 4 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް 29 މީހަކު އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އިތުރު 8 މީހަކު ވީތަނެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ފުލުހުންގެ ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން އޮފިޝަލް ވަހްޔޫ ހިދާޔަތީ ދްވި ޕަލޫޕީ ވިދާޅުވީ، ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ މޫނު ބަލައިގެން ކާކުކަން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަރުވި މީހުން ދެނެގަތުމަށްޓަކައި އާއިލާތަކުގެ ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި މަރުހަލާއަށް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ފާހަގަކުރި ގޮތުގައި އެއް ކޮތަޅުގައި އެކަކަށްވުރެ ގިނަ މީހުންގެ ހަށިގަނޑުގެ ބައިތައް ހިމެނިދާނެތީ، މަރުވި މީހުންގެ ސީދާ އަދަދު އަދި ކަށަވަރެއް ނުވެއެވެ.
ތިން ބުރިއަށް ހަދާފައިވާ މި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިމާރާތުގެ ބައެއް ބައިތައް ވެއްޓުމުގެ ނުރައްކާ އޮތްއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއީ ފަހަކަށް އައިސް އިންޑޮނޭޝިއާގައި ހިނގި މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެގޮތުން ވޭތުވެދިޔަ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު ނިކަލް ޕްރޮސެސިންގ ޕްލާންޓެއް ގޮވައިގެން 13 މީހަކު ވަނީ މަރުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.