ދިވެހި ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ބާޒާރަށް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

މި އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ މިއަދު ރާއްޖޭގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ. އަދި ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

އިޝްތިހާރު އިޝްތިހާރު

މި ފަހުމުނާމާގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރު ބެލެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ އެންމެހައި ކަންކަން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން މަސް ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު، ސައިނޯމެކް ހައިނާން އިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުޞަތުތައް ހޯދައިދިނުމަށެވެ. މީގެއިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކަށާއި ވިޔަފާރީގެ އިންތިޒާމުތަކަށް ބަލައި،އަންނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މަހުގެ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.