އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމަވައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި ރިޕޯޓަށް ބަހުސްކުރެއްވުމަށްފަހުއެވެ. މި ރިޕޯޓު ފާސްވީ ކޮމިޓީން ނިންމެވި ގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެއްސުމަށެވެ.

މި ގޮތަށް އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓުންނެވެ. މީގެ ތެރޭގައި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ހިމެނިވަޑައިގަންނަވާއިރު، ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.

އިޝްތިހާރު އިޝްތިހާރު

އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރައާއި އިނާޔަތްތައް މުރާޖަޢާކޮށް މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ.

މެންބަރު މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ޚާއްޞަ އެލަވަންސެއްގެ ގޮތުގައި މަހަކު 4,125 ރުފިޔާ ހަމަޖެއްސެވުމަށެވެ. މި އިތުރުކުރުމާއެކު ކުރިން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންނެވި 91,000 ރުފިޔާގެ މުސާރަ އިތުރުވެ، މަހަކު ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަމްދޫހު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރަޔާއެކު އެއްހަމައެއްގައި އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބެހެއްޓެވުމުގެ މަޤްޞަދުގައި ކަމަށެވެ. މި ނިންމެވުމާއެކު ދައުލަތުގެ ބާރުތަކުގެ ވެރިންގެ މުސާރަތައް ވަނީ އެއް ފެންވަރެއްގައި ހަމަޖެހިފައެވެ.