މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަރުޝަތު ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކޮމިޝަނުގެ ރައީސް ކަމާއި މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނުން ކޮމިޝަނަށް މަތިކޮށްފައިވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަޚްލާޤީ ޤަވާޢިދު ދަމަހައްޓައި، އިންސާފުވެރިކަމާއެކު ވާޖިބުތައް އަދާކުރުން ކަމަށް ފަރުޝަތު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މީޑިއާގެ މާހައުލަކީ ފައިސާގެ ތަނަވަސްކަމާއި ޢިލްމީ ގޮތުން މިނިވަން، ޢާންމުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ ޒިންމާދާރު ތަނަކަށް ވުމަކީ އޭނާގެ އުއްމީދު ކަމަށް ވެސް ސިޓީގައި ބަޔާންކުރެއްވިއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު އަދި މީޑިއާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފަރުޝަތު، މީޑިއާ ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރެއްވީ 27 އޮކްޓޫބަރު 2025 ގަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.