ޒަކާތަކީ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ވުމުގެ އިތުރުން، މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުމާއި ޢަދުލުވެރިކަން ޤާއިމުކޮށްދޭ މައިގަނޑު އެއް ބާރެވެ. އިސްލާމީ ތާރީޚަށް ބަލާއިރު، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، ޒަކާތް ޙައްޤުވާ ފަޤީރަކު ނެތި، ޒަކާތް ނެގި މީހުން ޒަކާތް ދޭ މީހުންނަށް ބަދަލުވެގެން ދިޔައެވެ.

ދިވެހިރާއްޖޭގައި ވެސް މިއަދު ފެންނަމުން މިދަނީ ހަރުދަނާ، ދެފުށް ފެންނަ އަދި ޒަމާނީ ނިޒާމަކަށް ޒަކާތުގެ ކަންކަން ބަދަލުވަމުން އަންނަ މަންޒަރެވެ.

ޒަކާތު ހައުސް: ނިޒާމަށް އައި އިންގިލާބީ ބަދަލު

އިޝްތިހާރު އިޝްތިހާރު

ދިވެހިރާއްޖޭގެ ޒަކާތުގެ އޮނިގަނޑު ހަރުދަނާ ޤާނޫނީ ހަމަތަކެއްގެ މަތިން ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި އެންމެ ހަރުދަނާ ފިޔަވަޅަކީ "މޯލްޑިވްސް ޒަކާތު ހައުސް" ވުޖޫދަށް ގެނައުމެވެ. މީގެ އިތުރުން ޒަކާތުގެ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ދިޔުމަކީ ޒަކާތުގެ ހިންގުން ވަކި މުއައްސަސާއެއްގެ ދަށުން، އަމާނާތްތެރިކަމާއި ދެފުށް ފެންނަ އުޞޫލުން ކުރިއަށް ގެންދިއުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.

އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަބަދުވެސް ފާހަގަކުރައްވާ ފަދައިން، ޒަކާތަކީ ހަމައެކަނި އަދާކޮށްލާ މާލީ ފަރުޟެއް ނޫނެވެ. އެއީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދޭ މުހިންމު ވަސީލަތެކެވެ. ޒަކާތު ހައުސް އުފެދުމާއެކު ޢާންމުންގެ އިތުބާރު ބޮޑުވެ، ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 24 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ޒަކާތު ފަންޑުގެ އެހީތެރިކަން: އުންމީދުގެ ދިރުމެއް

ޒަކާތު ފަންޑުން ކުރަމުންދާ ހޭދަތަކަކީ މިއަދު އެތައް ރައްޔިތުންނެއްގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަންކަމެވެ. މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދައިދިނުމުގައްޔާއި، މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ޒަކާތު ފަންޑުން އަދާކުރަނީ މުހިންމު ދައުރެކެވެ.

ޚާއްސަކޮށް، ތެލެސީމިއާ ތަޙައްމަލު ކުރަމުންދާ ކުދިންނަށް ދާއިމީ ފަރުވާއެއް ހޯދައިދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ ކަނޑައަޅައި، 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް 50 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެސް މި ފަރުވާއަށް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށާއި ޒަރޫރީ ބޭނުންތަކަށް އެހީވުމާއި، ޙާލުގައި ޖެހޭ ދަތުރުވެރިންނާއި، ދަރަނިވެރިންނަށް އެހީވުމުގެ އިތުރުން ފީސަބީލިﷲ ގެ ބައިން އިސްލާމީ ތަޢުލީމާއި ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ.

ފަޤީރުކަން ނައްތާލުމާއި ބައިނަލްއަޤްވާމީ ގުޅުން

ޒަމާނީ މުޖުތަމަޢުގައި ފަޤީރުކަން ނައްތާލުމަކީ ހަމައެކަނި ޒަކާތު ހައުސްއަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.

މި ވިސްނުމުގެ ދަށުން، ރާއްޖޭގައި ބޭއްވުނު 3 ވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) އަކީ ބައިނަލްއަޤްވާމީ ތަޖުރިބާތައް ރާއްޖެއަށް ގެނައުމަށް އެޅުނު މުހިންމު ފާލަމެކެވެ.

މެލޭޝިއާ ފަދަ ޒަކާތުގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި މިވަގުތު ތިބި 2،000 އެއްހާ މީހުންގެ ޢަދަދު މަދުކޮށް، އެމީހުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ޒަކާތް ދޭ ބަޔަކަށް ހެދުމަކީ ޒަކާތު ހައުސްގެ މައިގަނޑު އެއް އަމާޒެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަށް މިހާރު އަންނަމުންދާ ބަދަލުތަކަކީ ހަމައެކަނި އިދާރީ އިޞްލާޙުތަކެއް ނޫނެވެ. އެއީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، ފަޤީރުކަން ކުޑަކުރުމަށް އެޅޭ ހަރުދަނާ ބިންގަލެކެވެ.

ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، ޒަކާތު ހައުސްގެ އަމާނާތްތެރި މަސައްކަތްތަކުގެ ސަބަބުން، ޒަކާތުގެ ޙައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވި، ދިވެހިރާއްޖެއަކީ އިޖުތިމާޢީ ގޮތުން ވިލުންވެރި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢަކަށް ވުމުގެ އުންމީދު މިއަދު ވަނީ އާވެފައެވެ.