ރާއްޖޭގެ ޒަކާތުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 3 ވަނަ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް) ފެށުމުގެ ރަސްމިއްޔާތަށް ފޮނުއްވި ޚިޠާބުގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި، ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޒަކާތުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު އެ ނިޒާމު ބެލެހެއްޓުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ޑރ. ޝަހީމް ވިދާޅުވީ ޒަކާތަކީ ހަމައެކަނި އަދާކުރެވޭ މާލީ ފަރުޟެއް ނޫން ކަމަށާއި، އެއީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، ފަޤީރުކަން ނައްތާލައި، މުޖުތަމަޢުގައި އެއްބައިވަންތަކަމާއި އޯގާތެރިކަން އާލާކޮށް، ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމާއި، ޒަކާތުގެ ޤާނޫނު އެކުލަވާލުން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޒަކާތުގެ ފައިސާއަކީ ﷲ ގެ ޙަޟްރަތުގައި އޮތް ބޮޑު އަމާނާތަކަށް ވުމުން، އެ ފައިސާ އޭގެ ޙައްޤުވެރިންނަށް އިންޞާފުވެރިކަމާއެކު ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގައި އިޚްލާޞްތެރިކަމާއި ދެފުށްފެންނަ އުޞޫލުތައް އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޒަކާތުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޢިލްމުވެރިންނާއި ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ބާރުއެޅުއްވިއެވެ. އަދި ދުނިޔޭގެ މުސްލިމް މުޖުތަމަޢުތަކަށް އެދެވޭ ޙައްލުތަކެއް ހޯދައިދިނުމުގައި 'އިންޒެކް' އަކީ ދެމެހެއްޓެނިވި އަދި ކާމިޔާބު ބައިނަލްއަޤްވާމީ ޕްލެޓްފޯމަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.