އަންނަ އޮކްޓޯބަރ މަހުގެ 27 އާހަމައަށް ރީ-ރަޖިސްޓްރީނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިގޮތަށް ވިދާޅުވީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ އައު ގަވާއިދާއެކު އެފަދަ ތަންތަން ރީ-ރަޖިސްޓްރީކުރުމާ ގުޅެގޮތުން ނެރުނު ބަޔާނެއްގައެވެ. މި ގަވާއިދަކީ ނޫސް މަޖައްލާފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން އެކުލާވާލަފައިވާ ގަވާއިދެކެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ވަނީ ހަވާލުކޮށްފައެވެ.

މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް އެވެ. މި 4 ބާވަތް ހިންގިދާނެ އެކި ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ވަނީ ކަނޑައަޅާފައެވެ.
މި ޤަވާއިދުގެ ދަށުން މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ގަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެތަނެއް އަލުން ރަޖިސްޓްރީކޮށް، ރެކޯޑުތައް އަދާހަމަކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާ ކޮމިޝަނުން ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 27 އާ ހަމައަށް ހަމަވާނެއެވެ. އެހެންވެ އެ މުއްދަތާ ހަމައަށް ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެ މުއްދަތާ ހަމައަށް ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދު ދަށުން ލިބެއެވެ. މީގެ ތެރެއިން އިސްތިސްނާވަނީ ވަކި ތަނެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ހަދާ ކުދި މަޖައްލާތަކާއި އެނޫންވެސް ލިޔުންތައް ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ނޫސްމަޖައްލާއެއްގައި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށްވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު