ތިން މީހުންނާއެކު ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ހާލުގައި ޖެހިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ރ. ދުވާފަރުން އެ އަތޮޅު ކަނދޮޅުދުއަށް ތިން މީހުންނާއެކު ދަތުރުކުރި "ޔާލު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީނު ހުއްޓި ކަނޑުމަތީގައި ހާލުގައި ޖެހުމުން، ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިކަމުގެ މަޢުލޫމާތު ދުވާފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ ހަވީރު 16:56 ހާއިރުއެވެ.

އިޝްތިހާރު އިޝްތިހާރު

ހާދިސާގެ ރިޕޯޓު ލިބުމާއެކު، ދުވާފަރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ ޑިންގީއެއްގައި އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި އިންޖީނު ހުއްޓި ހާލުގައި ޖެހިފައި އޮތް އެ ލޯންޗު ކަފުޖަހައިގެން ވަނީ ދުވާފަރު ފަޅަށް ވައްދާފައެވެ. އޭގެ އިތުރުން، ލޯންޗުގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މަރާމާތު ކުރުމުގައިވެސް ފުލުހުން ވަނީ އެހީތެރިވެދީފައެވެ.

މި ލޯންޗުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް ރައްޔިތެއްގެ ހާލު ދެރަވުމާ ގުޅިގެން، އޭނާއަށް ވަނީ ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައެވެ. އަދި ފަރުވާއަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.