ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ، އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި 2 މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެއީ، އެ އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތްތަކެވެ.

މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން މި މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އައްޑޫ އެއާޕޯޓުގައި އަލަށް ޤާއިމުކުރާ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ، ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ ރަގަޅަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ، ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެކެވެ. ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައިވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެއެވެ.

Land clearance and CCTV security camera installation work underway to start construction of New Met Office and brand New S-Band Doppler Weather Radar in Addu international Airport.

@MetMaldives

މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ދެކުނުގެ ސަރަޙައްދުގައި މޫސުމީ މަޢުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް މޫސުމީ ބަދަލުތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ އައު އިމާރާތެއް ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީ ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފައިވަނީ 2025ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 4 ތަނެއްގައި ޤާއިމްކޮށްފައިވާ މެޓް އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތައް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ހަނިމާދޫ، ހުޅުލެ، ކައްދޫ އަދި އައްޑޫގައި ހުންނަ މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމްތަކެވެ.