ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ އުތުރުގެ ހއ އާއި ހދ އަތޮޅުގެ ގިނަ ރަށްތަކަކާއި ފާދިއްޕޮޅު ނައިފަރުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބިފައިވާ ގެއްލުންތައް އެންޑީއެމްއޭ އިން ގެންދަނީ ބަލަމުންނެވެ. އެ އޮތޯރިޓީން ބުނީ އެންމެ ބޮޑަށް ފެންބޮޑުވީ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ ކަމަށާ އެ ސިޓީގައި ބޮޑުވި ފެންގަނޑު ހިންދަން ހަތް ޕަންޕު ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެ ސިޓީގައި 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރެއާއި މިއަދު ކުރި ވިއްސާރާގައި ނޮޅިވަރަމް އަދި ނޮޅިވަރަންފަރަށް ވެސް ވަނީ ވަރަށް ގެއްލުންވެފަ އެވެ. ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު އެއް ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އިޝްތިހާރު އިޝްތިހާރު

އެ އޮތޯރިޓީން ބުނި ގޮތުގައި ނޮޅިވަރަންފަރުގައި ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، ދެ ޕަންޕްގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ހދ އަތޮޅު ނެއްލައިދޫ އަދި ކުމުންދޫއަށް ވެސް ވިއްސާރާގައި ގެއްލުންވި އެވެ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

ހދ. ވައިކަރަދޫގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއްވީ ނަމަވެސް މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ގެއްލުމެއް ނުވެ އެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި ނާވައިދޫ އާއި ފިނޭ އަދި ކުރިންބީއަށް ވެސް ވިއްސާރާގައި ގެއްލުންވި އެވެ. ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައެވެ. އަދި ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވެ އެވެ.

ހަނިމާދޫ އަދި މަކުނުދޫ މި ދެ ރަށުގެ ހާލަތު ވެސް އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހއ އަތޮޅުގެ ގިނަ ރަށްތަކަކަށްވެސް ވަނީ ވަރަށް ގެއްލުންވެފަ އެވެ. ވިއްސާރާގައި ހއ. ތަކަންދޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތް ކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފިއްލަދޫ އާއި ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފަ އެވެ. އަދި ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.

ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވެ އެވެ. ދިއްދޫގެ ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވެ އެވެ.

ހއ އަތޮޅުގެ ރަށްތަކުގެ ތެރެއިން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެން ހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.

‏އެމްޑީއެމްއޭ އިން ބުނި ގޮތުގައި ޅ. ނައިފަރު 16 ގެއަކަށް ފެންވަދެ، ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ބުންޏެވެ.