ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މެންދުރު 15:00 އިން ރޭގަނޑު 19:00އާ ހަމައަށެވެ.

Alert yellow for torrential rain

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެހެންކަމުން މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރާގައި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާނުކުރެވުނު ނަމަވެސް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ވަކިން ޚާއްސަކޮށް ހދ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ، ސަމާލުތައް ނެރެމުންނެވެ. އެހެންކަމުން މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރުކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް އެއިދާރާގެ އިތުރުން އެންޑީއެމްއޭ އަދި އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.