މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އެ ކުންފުނީގެ 7 ވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އާ މަސްފިހާރަ ގާއިމުކޮށްފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހުންނަ ފިޝް ޕްރޮސެސިން ފެސިލިޓީއާ އިންވެގެންނެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ މާލެ ސަރަހައްދުން ބޭރުގައި މިފްކޯއިން ހުޅުވި 2 ވަނަ މަސްފިހާރައެވެ. މި ސިޔާސަތުގެ ދަށުން މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައިވެސް ވަނީ މަސްފިހާރައެއް ހުޅުވާފައެވެ.

މީގެ އިތުރުން މާލޭގައި 2 ފިހާރަ އަދި ހުޅުމާލޭގައި 3 ފިހާރަ މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.

މި ފިހާރަ ހުޅުވުމާއެކު ފުވައްމުލަކުގެ ރައްޔިތުންނަށް މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ހެޔޮ އަގުގައި މެދުނުކެނޑި ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އޮގަސްޓު 1 ވަނަ ދުވަހުން ފެށިގެން މިފްކޯގެ ހުރިހާ މަސްފިހާރައެއް ހަފުތާގެ 7 ދުވަހު ހުޅުވާގޮތަށް ހަމަޖައްސާފައިވުމާއެކު، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަސްތަކުގައި ހިދުމަތް ލިބޭނެއެވެ.

މިފަދަ ފިހާރަތައް އިތުރުކުރުމުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް މިފްކޯއިން ބުނެއެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު އަމާޒެކެވެ.