ވިލިމާލޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފިލްމީ ތަރިން ހިމެނޭ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ފިލްމީ ދާއިރާގައި މަޝްހޫރު އަހުމަދު އަޒްމީލާއި، އިސްމާއިލް ޖުމައިހުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އާއި އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދެވެ. މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ތިބި ކޮޓަރީގެ ދޮރު ހުޅުވާފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ފުލުހުން އެ ތަނަށް ވަތްއިރު މަސްތުވާތަކެތި ހުރީ މޭޒުމަތީގައި ހާމައަށެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތަހުގީގު ފުރިހަމަވެފައިވާތީ، މީގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި ބާކީ ހުރި މީހާވެސް ދޫކޮށްލުމަށް ނިންމާފައިވާއިރު، ކޯޓު މަރުހަލާގެ ތެރެއިން އިތުރަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފިނަމަ އެގޮތަށް އަމަލުކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 9 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ ކޮޓަރިން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާތީ، އެ އެންމެންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

މި މައްސަލައިގައި ހިމެނޭ ޖުމައިހު ފިޔަވައި އަނެއް ތިން މީހުންނަކީ މީގެ ކުރިންވެސް ކުށުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރި ރެކޯޑު އޮތް މީހުންނެވެ.