މާލޭ އުތުރު ބަނދަރުގައި ފިންގާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ 15 މީޓަރުގެ ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން ބާކީ ހުރި 15 މީޓަރުގެ 2 ޖެޓީގެ ރީއިންފޯސްމަންޓް އަދި ޝަޓަރިންގް މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއަކީ މާލޭ އުތުރު ބަނދަރުގެ ޖެޓީތައް ފަރުމާކޮށް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ބަނދަރު މަތީގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗަކަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހޭ ތަކުލީފާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއީ ހާއްސަކޮށް ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން މުދަލާއި ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، މި ފިންގާ ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ތަނަވަސްވެ، އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުތަކަށް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފައިބާ ދަތުރުވެރިންގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމައި، ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.