ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކައި އެމްޓީސީސީން ނިންމާލައިފިއެވެ.
މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ދަށުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކެވެ. އެގޮތުން ބަޔޯސްވޭލް ހެދުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ކޮލަމާފުށްޓަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ.
ކޮލަމާފުށީގެ އާބާދީގައި 1,600 އެއްހާ މީހުން ދިރިއުޅެއެވެ. އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމި، ހިއްކި ސަރަހައްދުން ގޯތި ދޫކުރަން ފެށުމާއެކު ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށޭނެ ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ގަބޫލުކުރެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ފަށާފައެވެ. މިއީ 44.33 މިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.