ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަ އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ވަނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީއްސުރެ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 6،917 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެ މައްސަލަތައް ހުށަހަޅާފައިވަނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލްއާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް ކަމަށް އެފްޑީސީން ބުނެއެވެ. ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 6،128 މައްސަލައެއް މިހާތަނަށް ވަނީ ހައްލުކޮށްދީފައެވެ.
އާންމުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތަކެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަޕްޑޭޓް ކުރުމުގައި ދިމާވާ ދަތިތައް ވެސް ހިމެނެއެވެ.
އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ޝަކުވާތަކާއި އަޑުގަދަވުމުގެ އުނދަގުލުގެ އިތުރުން ލިފްޓު މެއިންޓަނެންސް މައްސަލަތައް ވެސް ވަނީ ހުށަހަޅައިފައެވެ. ހައްލު ނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން މިހާރު ވެސް ކުރަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ.
އެފްޑީސީ ޓަވަރުތަކުގައި ދިރިއުޅޭ އާންމުން ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާއިރު، ގަވާއިދުން ފައިސާ ނުދައްކާތީ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލްކޮށް ހުސްކުރަން މި މަހުގެ 14 ވަނަ ދުވަހު ވަނީ އަންގައިފައެވެ. ނަމަވެސް ފަހުން އެ ދެ އެޕާޓްމަންޓުން ފައިސާ ދައްކަން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.