އަރުމީނިއާގެ ގައުމީ އެއާލައިން "ޝިރަކް އޭވިއާ" އިން އެ ގައުމުގެ ވެރިރަށް ޔެރެވާން އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ މި ދެ ގައުމުގެ ދެމެދުގައި ޝެޑިއުލް ފްލައިޓްތަކެއް ފަށާ ފުރަތަމަ ފަހަރެވެ.
މި ދަތުރުތައް ކުރިއަށްދާނީ ޔެރެވާންގެ ޒްވަރޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގައެވެ. ޝިރަކް އޭވިއާގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައެވެ. ބޮއިންގ 737-800 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކުރިއަށްގެންދާ މި ދަތުރުތައް، ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އާންމުކޮށްފައިވާ ދަތުރުތަކުގެ ޝެޑިއުލަށް ބަލާއިރު، ޔެރެވާން އިން ފުރާ ފްލައިޓް އެ ގައުމުގެ ގަޑިން ފުރާނީ ދަންވަރު 03:05 ގައެވެ. އަދި ތެޔޮ އެޅުމަށްޓަކައި އޮމާންގެ މަސްކަޓުގައި ޖެއްސުމަށްފަހު ރާއްޖެ އާދެވޭނީ މެންދުރު 12:10 ގައެވެ. ރާއްޖެއިން އެނބުރި ފުރާ ފްލައިޓް ވެލާނާ އެއާޕޯޓުން ފުރާނީ މެންދުރުފަހު 13:10 ގައެވެ. އަދި މި ފްލައިޓް ޔެރެވާންގައި ޖައްސާނީ އެ ރޭ 20:15 ގައެވެ. މި ދަތުރުގެ ޖުމްލަ ވަގުތަކީ ގާތްގަނޑަކަށް 8 ގަޑިއިރެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު 455 އެމެރިކާ ޑޮލަރުން ފެށޭއިރު، އެއާލައިނުން މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް މާޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ ޝިރަކް އޭވިއާގެ 2026/27 ގެ ފިނިމޫސުމުގެ ދަތުރުތައް ފުޅާކުރުމުގެ ޕްލޭނުގެ ދަށުން ކުރިއަށްގެންދާ ދަތުރުތަކެކެވެ. މީގެ އިތުރުން އެ އެއާލައިނުން އަންނަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.