މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ އައު ޤަވާއިދުގެ ދަށުން، މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަސްމީކޮށް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މީގެކުރިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ބަލަހައްޓަމުން އައި ނޫސްމަޖައްލާތަކުގެ ދަފްތަރު ބެލެހެއްޓުމާއި ރަޖިސްޓްރީ ކުރުމުގެ ޒިންމާ މީޑިއާ ކޮމިޝަނާ ހަވާލުވުމާ ގުޅިގެން، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް ވަނީ އެކުލަވާލައި ޝާއިޢުކޮށްފައެވެ. މި ޤަވާއިދުގެ ދަށުން، މިހާރު ހިންގަމުންދާ ހުރިހާ ނޫސް މަޖައްލާތަކުން ވެސް ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީވެ، މަޢުލޫމާތުތައް އަދާހަމަކުރަން ލާޒިމުކުރެއެވެ.

ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވާން އެންމެ 9 ދުވަހަށް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 140 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓްރީ އައު ކުރުމަށް ހުށަހެޅި 66 ފޯމާއި، އަލަށް ރަޖިސްޓްރީވާން ހުށަހެޅި 67 ފޯމެވެ. މީގެ ތެރެއިން ޝަރުޠު ހަމަވެގެން 34 ފަރާތަކަށް މިހާރު ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އެކި ސަބަބުތަކާ ހުރެ 18 ފޯމެއް ވަނީ ބާތިލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މި އޮކްޓޯބަރު މަހުގެ 27 ގެ ކުރިން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ އައު ޤަވާއިދުގެ ދަށުން ބާތިލުވާނެ ކަމުގެ އިންޒާރު ދެމުން، އެ މުއްދަތުގެ ކުރިން ހުރިހާ ފަރާތްތަކުން ވެސް ނަންނޯޓުކޮށް ނިންމުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އައު ޤަވާއިދުގައި ނޫސް މަޖައްލާ މައިގަނޑު 4 ގިންތިއަކަށް (ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލް) ބަހާލާފައިވާއިރު، މި ބާވަތްތައް ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގުމުގެ ފުރުޞަތު ލިބެއެވެ. މީގެއިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.

މި ޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދެނީ 5 އަހަރުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައުކުރަން ހުށަހަޅަންޖެހޭއިރު، އެއްވެސް ނޫސް މަޖައްލާއެއްގައި ލިޔުން ޝާއިޢުކުރުން ހުއްޓާލާތާ 12 މަސްދުވަސް ވެއްޖެނަމަ އެތަނެއްގެ ރަޖިސްޓްރީ އޮޓޮމެޓިކުން ބާތިލުވާނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.