ނޫސްވެރިންނަށް އޮތް ހައްޖާ އުމްރާގެ ފުރުސަތުތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއެކު (އެމްއެމްބީސީ) މަޝްވަރާކޮށްފިއެވެ.
މިިގޮތަށް އެގައުމުން މަޝްވަރާކުރީ މިއަދު އެމްއެމްބީސީގެ ވަފްދެއް ސައުދީ އެމްބަސީއަށް ކުރި ޒިޔާރަތެއްގައެވެ.
އެމްއެމްބީސީން ބުނީ މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޞަތު، ނައިބު ރައީސް ޒަމްޢަތު އަޙްމަދު ވަހީދު، މެންބަރު އާމިނަތު ސަރާހަތު ޢިއްޒަތު، މެންބަރު ޢަބްދުލް ޢަޒީޒް އިބްރާހިމް، މެންބަރު ސިމާހާ ނަސީމް، ސެކްރެޓަރީ ޖެނެރަލް ޙަމްދީ ޢަޤީލްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރު އަސްމާ ޙަސަންއެވެ. ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލްޤަޙްޠާނީއެވެ.


އެ މުއައްސަސާއިން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މީޑިއާގެ ފަރާތްތަކަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދިނުމާ ގުޅޭގޮތުން ކަމަށެވެ. ސައުދީ ސަފީރުގެ ވާހަކަައިގައި، އެމްއެމްބީސީއާ ސައުދީގެ މީޑިއާ ރެގިއުލޭޓަރީ އިދާރާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި މަސައްކަތްކޮށްދެއްވާނެ ކަމަށާ ހައްޖާ އުމްރާގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް އެމުއައްސަސާއިން ބުންޏެވެ.
އެއާއެކު، ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަފާތު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާގެ ފުތުސަތުތައް ހޯދައިދިނުމުގެ މަގުސަދުުގައި އެ ކޮމިޝަނުން ވިސްނައިގެން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި މިހާތަނަށް މިފަދަ ތިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އެމްއެމްބީސީން މައުލޫމާތުދީފައިވެ އެވެ. އަދި މިފަދަ އިތުރު ބައްދަލުވުންތައް އެކި އިދާރާތަކާއެކީ ކުރިއަށްގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.










ކިޔުންތެރިންގެ ހިޔާލު