އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ވައިޓް ހައުސްގައި މަސައްކަތްކުރެއްވި އަދި ޖެނުއަރީ 6 ގެ ހަމަނުޖެހުންތައް ބެލި ކޮމިޓީގައި މުހިންމު ބަޔާންތަކެއް ދެއްވި ކެސިޑީ ހަޗިންސަންގެ މައްޗަށް ޖިނާއީ ދައުވާ ނުއުފުލުމަށް ފެޑެރަލް ގްރޭންޑް ޖޫރީއަކުން ނިންމައިފި ކަމަށް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.
މި މައްސަލައިގައި ދައުވާ ސާބިތުކުރެވޭ ގޮތް ނުވުމަކީ، ޓްރަމްޕްގެ ރިޔާސީ ދެވަނަ ދައުރުގައި ފެޑެރަލް ޕްރޮސެކިއުޓަރުންނާ ކުރިމަތިލާންޖެހުނު ގިނަ ނާކާމިޔާބީތަކުގެ ތެރެއަށް އިތުރުވި އަނެއް ކަންތަކެވެ.
ވައިޓް ހައުސްގެ ކުރީގެ މުވައްޒަފެއްގެ އިތުރުން ޓްރަމްޕާ ދެކޮޅަށް ފަހުން ހެކިބަސް ދެއްވި ހަޗިންސަންއާ ދެކޮޅަށް ޖިނާއީ ދައުވާ ނުކުރުމަށް ގްރޭންޑް ޖޫރީން އަންގާރަ ދުވަހު ނިންމިކަން އެމެރިކާގެ އިސް މަސްއޫލުވެރިޔަކު ވަނީ އެންބީސީ ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
ޕްރޮސެކިއުޓަރުން ގަސްދުކުރީ 6 ޖެނުއަރީ 2021 ގައި ހިނގައިދިޔަ ކަންކަމުގައި ޓްރަމްޕްގެ އަމަލުތައް ހުރި ގޮތާ ބެހޭގޮތުން ހަޗިންސަން ދެއްވި މައުލޫމާތުތަކަށް ބިނާކޮށް އޭނާއާ ދެކޮޅަށް ދައުވާ އުފުލުމަށެވެ.
ވޮޝިންޓަންގެ ގްރޭންޑް ޖޫރީން ނެރުނީ "ނޯ ބިލް" ނިންމުމެކެވެ. މިއީ ހަޗިންސަންގެ މައްޗަށް ޝަރީއަތް ހިންގުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، އެކަން ދޫކޮށްލުމެވެ. ކޯޓުގައި މި ނިންމުން އިއުލާނުކުރި އިރު ސީދާ އޭނާގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް، އެއީ ހަޗިންސަންއާ ގުޅޭ މައްސަލަކަން ރަސްމީ ފަރާތްތަކުން ވަނީ ޔަގީންކޮށްދީފައެވެ.
މި ކަމާ ގުޅޭގޮތުން ހަޗިންސަންގެ ގާނޫނީ ވަކީލުންގެ ފަރާތުން އަދި ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ރަސްމީ ގޮތެއްގައި ވަގުތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ ތަހުގީގު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ، ޓްރަމްޕްގެ ދިގު މުއްދަތުގެ ފާޑުކިޔުންތައް އަމާޒުވި އަދި މިހާރު މަސައްކަތް ހުއްޓާލާފައިވާ، ޑިމޮކްރެޓުން އިސްވެ ތިބި ކޮންގްރެސްގެ ޖެނުއަރީ 6 ގެ ކޮމިޓީއަށް 2022 ވަނަ އަހަރު ހަޗިންސަން ދެއްވި ހެކިބަހުގެ މައްޗަށެވެ.
މި ދައުވާ ކުރިއަށް ނުގެންދެވުމަކީ، ޓްރަމްޕްގެ ސިޔާސީ ވާދަވެރިން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ފަރާތްތަކާ ދެކޮޅަށް ޖަސްޓިސް ޑިޕާޓްމަންޓުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބާތިލުވެގެންދިޔަ މައްސަލަތަކުގެ ތެރެއަށް އިތުރުވި އަނެއް ބޮޅެވެ.
ހަޗިންސަންއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ޓްރަމްޕް މަގާމަށް އިސްކުރެއްވި ހަރްމީތު ދިލަންގެ ބެއްލެވުމުގެ ދަށުން ހިންގާ ސިވިލް ރައިޓްސް ޑިވިޝަނުންނެވެ. މި ޑިވިޝަނަކީ އާންމުކޮށް ފެޑެރަލް މަދަނީ ހައްގުތަކާއި ތަފާތުކުރުންތައް ހުއްޓުވުމުގެ ގާނޫނުތައް ހިންގައިގެން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މިނިވަންކަން ރައްކާތެރިކުރުމުގެ ޒިންމާ އޮންނަ އިދާރާއެކެވެ.
މިފަހަރު ދައުވާ ނުކުރުމަށް ގްރޭންޑް ޖޫރީން ނިންމި ނަމަވެސް، ފަހުން އޭނާގެ މައްޗަށް އަލުން ދައުވާ ހުށަހެޅުމުގެ ދޮރު ޖަސްޓިސް ޑިޕާޓްމަންޓަށް މުޅިން ބަންދެއް ނުވެއެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ ހަޗިންސަންއަކީ ހުވާކޮށްގެން އިނދެ ދޮގުހެދި "އޮޅުވާލުންތެރިއެއް" ކަމަށް ބުނެ، އޭނާއަށް ޝަރީއަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
"މިކަމާ މެދު ޖަސްޓިސް ޑިޕާޓްމަންޓުން އަޅަނީ ކޮން ފިޔަވަޅެއްތަ؟" 2022 ގައި ޓްރުތު ސޯޝަލްގައި ޓްރަމްޕް ސުވާލު އުފައްދަވާފައިވެއެވެ. މީގެ އިތުރުން މާޗު މަހުގެ ތެރޭގައި، ހަޗިންސަންއާ ދެކޮޅަށް ދައުވާ އުފުލުމަށް ހައުސްގެ ރިޕަބްލިކަނުން ޖަސްޓިސް ޑިޕާޓްމަންޓަށް ފޮނުވި މައްސަލައާ ގުޅޭ ބްރައިޓްބާޓް ނޫހުގެ ލިޔުމެއްގެ ލިންކު ވެސް ޓްރަމްޕް ވަނީ ހިއްސާކުރައްވާފައެވެ.
އޭރުގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯސްގެ އަރިހުގައި އިސް އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަޗިންސަން ވަނީ، 6 ޖެނުއަރީ 2021 ގައި އެމެރިކާގެ ކެޕިޓަލް އިމާރާތަށް ހަމަލާދިން ހާދިސާއާ ގުޅޭ މުހިންމު ކަންތައްތަކެއް ހާމަކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.