އިސްތިއުމާރީ އިސްރާއީލު ސިފައިން ލުބުނާނުގެ ދެކުނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށް ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވެއްޖެއެވެ.
އަޔަރލޭންޑްގެ ޚާރިޖީ އަދި ދިފާއީ ވަޒީރު ހެލެން މެކެންޓީއާ ބައްދަލު ކުރެއްވުމަށްފަހު ލުބުނާނުގެ ރައީސް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި ލުބުނާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.
އިސްރާއީލު ސިފައިން ހުއްޓާނުލާ ހަމަލާތައް ދިނުމުގެ ސަބަބުން ލުބުނާނުގެ އިސްތިގުލާލު ބޯޑަރުތަކާ ހަމައަށް ފުޅާކުރުމާއި، ހަމަޖެހުން ގާއިމްކުރުމަށް ލުބުނާނު ސިފައިން ކުރާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުންވަނީ، އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވައި، ލުބުނާނުގެ ދެކުނުން އިސްރާއީލު ހުރިހާ ސިފައިން ބޭލުމާއި، އަދި ލުބުނާނުން ހައްޔަރު ކޮށްގެން ގެންދިޔަ އެންމެން މިނިވަން ކުރުމަށް އަޔަރލޭންޑާއި އަދި އެކުވެރި ދައުލަތްތަކުން އިސްރާއީލަށް ޑިޕްލޮމެޓިކް ޕްރެޝަރު އިތުރުކުރުމަށް އެދިވަޑައިގެންފައެވެ.
އެމެރިކާއިން އަންގައިގެން ލުބުނާނު ސަރުކާރުން އިސްރާއީލާއެކު އެއްބަސްވުމެއް ހެދީ އެކަން ނުކުރުމަށާއި، އެއީ ބޭކާރު ކަމެއް ކަމަށް ހިޒްބުﷲއިން ތަކުރާރުކޮށް ބުނަމުން ގެންދަނިކޮށެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް ހިފާފައި ވާއިރު، އަދިވެސް ގެންދަނީ އިތުރު ބިންތައް ހިފަމުންނެވެ.
އަދި ލުބުނާނުގެ ދެކުނުގެ ރަށްތަކުން ގެދޮރުން ބޭރުކޮށްލި އާންމުން އެނބުރި އެމީހުންގެ ގެދޮރަށް އައުމަށްވެސް އިސްރާއީލުން ގެންދަނީ ހުރަސް އަޅަމުންނެވެ.
އިސްތިއުމާރީ ސިފައިންވަނީ ލުބުނާނުގެ ދެކުނުގެ އެތައް އަވަށަކުން އާންމުންގެ ގެދޮރާއި، އިންފްރާސްޓްރަކްޗަރތައް ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ.
އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ މައިގްރޭޝަންއިން ބުނެފައިވަނީ، އިސްރާއީލު ސިފައިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލުބުނާނުގެ ދެކުނުން 329،686 މީހުން ގެދޮރުން ބޭރުކޮށް މަގުމަތިކޮށްލާފައިވާ ކަމަށެވެ.
ލުބުނާނުގެ ދެކުނުންގެ ރަށްތަކުން އާންމުން ބޭރުކޮށް ބިންތައް ހިފައިގެންތިބި އިސްތިއުމާރީ ސިފައިން ވޯޓުލާން ވޯޓިންގ ބޫތުތައް ހަދައި މިއަދު ސިފައިން ވޯޓުލަމުންވެސް އެބަ ގެންދެއެވެ.

އިޝްތިހާރު އިޝްތިހާރު