ލުބުނާނު މައްސަލާގައި ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާގައި އެމެރިކާއިން، އީރާނާއި ހިޒްބުﷲ ގޯސްކޮށް ވާހަކަ ދައްކައިފިއެވެ.
އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު މައިކް ވާލްޒް، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ތައުރީފްކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލީޑަރޝިޕަށެވެ.
އިސްތިއުމާރީ އިސްރާއީލުގެ ލުބުނާނުގެ ދެކުނުގެ ހުރިހާ ރަށްތަކަށް ބޮންއަޅައި، 3،500 އާ ގާތްކުރާ އަދަދެއްގެ އާންމުން މަރައި، ގެތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ތާރީޚީ ބިނާތައް ގޮއްވައި، ރަށްތައް ހިފައި އަދި ވެރިރަށް ބެއިރޫތާ ދިމާއަށް އަރަމުންދާއިރު، އެމެރިކާގެ މަންދޫބުގެ ވާހަކައިގައި އިސްރާއީލުގެ ނަމެއްވެސް ނުގަނެއެވެ. އިސްރާއީލުން ހިންގާ ޖަރީމާތައް ކުށްވެރިވެސް ނުކުރިއެވެ.
އޭގެ ބަދަލުގައި އޭނާ ކުށްވެރިކުރީ ލުބުނާނުގެ ހިޒްބުﷲއާއި، އީރާނެވެ. އެމެރިކާގެ މަންދޫބު ބުނީ، ލުބުނާނު ހަނގުރާމަ ހުއްޓުވި ސުލްހަ ގެނެވޭނީ ހިޒްބުﷲއިން ދެމުންގެންދާ ހަމަލާތައް ހުއްޓާލައިގެން ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ފުރަތަމަ ޚިލާފްވެ ލުބުނާނުގެ ރަށްތަކަށް އިސްތިއުމާރީ ދައުލަތުން ހަމަލާދޭން ފެށުމާއި، ލުބުނާނުގެ ބިމުން ފޭބުމަށް އިސްތިއުމާރީ ސިފައިން ދެކޮޅުހަދަމުންދާ މައްސަލައަށް އެމެރިކާގެ މަންދޫބު އެއްވެސް އެއްޗެއް ނުބުނެއެވެ.
އެމެރިކާގެ މަންދޫބު މައިކް ވާލްޒް ބުނީ، އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ “ޓެރަރިސްޓް” ޖަމާއަތެއްގެ ކިބައިން ލުބުނާނު ސަރުކާރު މިނިވަން ކުރުމަށް ކަމަށެވެ.
އެމެރިކާގެ މަންދޫބު މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް، ސަލާމަތީ މަޖިލީހުގައި ހިމެނޭ މެމްބަރު ގިނަ ގައުމުތަކުންވަނީ އިސްރާއީލުން ލުބުނާނުގައި ހިންގައި އަދި ފުޅާކުރަމުންދާ އުދުވާނުތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ލުބުނާނު މައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލީ ފަރަންސޭސިވިލާތުންނެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރި ކުރައްވައި ފަރަންސޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޖެރޯމް ބޮނަފޮން ވިދާޅުވީ، ލުބުނާނަށް ހަމަލާދީ އިތުރު ރަށްތައް ހިފުމަކުން އިސްރާއީލަކަށް އަދި އިސްރާއީލުގެ އާންމުންނަށްވެސް ލިބޭނޭ ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މައްސަލަ އިތުރަށް ވާނީ ގޯސްކަމަށެވެ.
ރަޝިޔާގެ މަންދޫބު ވާސިލީ ނެބެންޝިއާ ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް މިހާރު ހަދަމުންގެންދަނީ ޣައްޒާއަށް ހެދިގޮތް ކަމަށެވެ.
ހަމަލާތައް ހުއްޓާލައި އިސްރާއީލު ސިފައިން ލުބުނާނުން ވަގުތުން ފޭބުމަށް ރަޝިޔާގެ މަންދޫބު ގޮވާލެއްވިއެވެ. ޗައިނާގެ މަންދޫބު ފޫ ކޮންގް ވިދާޅުވީ، ލުބުނާނުގެ ދެކުނުގެ ތަންތަން ހިފައި އަދި އިތުރު ސަރަހައްދުތަކަށް ވަދެގަންނަމުން ދިއުމަކީ ބައިނަލްއަގްވާމީ މުޖުތަމައު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ލުބުނާނުގެ ބިންތަކުން އިސްރާއީލު ވަގުތުން ފޭބުމަށް އޭނާ ގޮވާލެއްވިއެވެ.
އިސްރާއީލުން ލުބުނާނުގައި ހިންގަމުންގެންދާ އުދުވާނު ކުށްވެރި ކުރައްވައި ޔޫކޭގެ މަންދޫބު ޖޭމްސް ކަރިއުކީ ވިދާޅުވީ، އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަމަލުތަކަކީ ވަރަށް ގޮތެއްފޮތެއްނެތް އަމަލުތަކެއް ކަމަށެވެ.
އދގެ ސަމާލަތީ މަޖިލީހުގައި އިސްރާއީލު އެންމެ ބިރުގަންނަ ގައުމަކީ ޕާކިސްތާނެވެ. އެއީ، ޕާކިސްތާނުގެ ބަސްމަގު ހުންނަގޮތުގެ ހަރުކަށިކަމުންނެވެ.
ޕާކިސްތާނުގެ މަންދޫބު ވަނީ، ލުބުނާނުގެ ބިމުގެ ހުރިހާ ހިސާބަކުން ވަގުތުން ފޭބުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު