ލުބުނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ތިން ހަފްތާއަށް އިތުރު ކޮށްފިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ބުނެފައި ވަނިކޮށް އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވަރުގަދައަށް ބޮންއަޅައިފިއެވެ.

ލުބުނާނުގެ މީޑިއާއިން ބުނެފައިވަނީ، ދެކުނުގެ ތޫލިއަންއަށް ވަރުގަދަ ވައިގެ ދެ ހަމަލާ ދީފައިވާއިރު، ޚެރްބެޓް ސެލެމްއަށްވެސް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި ބަޔަކު މަރުވިކަމެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެކަމަކު، ބޮންއެޅި ސަރަހައްދުތަކުގެ ގެތައް ވަނީ ފުނޑުފުނޑުވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ހެދި އެއްބަސްވުމުގައި ހިމަނައިގެން އިސްތިއުމާރީ ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި "ޔެލޯ ލައިން" އެއް ގާއިމްކޮށް ލުބުނާނުގެ ދެކުނުގެ އެތައް އަވަށެއް ހިސާރުކޮށްފައެވެ.

ހަނގުރާމައިގެ ސަބަބުން އަވަށްތަކުން ނުކުމެގެންދިޔަ އާންމުންނަށް އެމީހުންގެ ގެދޮރާއި ބިންތަކަށް އެނބުރި އަޔަނުދީ ގެންދަނީ ހުރަސްއަޅަމުންނެވެ. ޔެލޯ ލައިނާ ގާތަށް އަންނަ އެންމެނަށް ހަމަލާދީ ގެންދަނީ މަރަމުންނެވެ.

އަދި ޔެލޯ ލައިނުން އެތެރޭގެ ހުރިހާ އަވަށްތަކެއްގައި ހުރި ގެތަކާއި އިމާރާތްތައް ގޮއްވައި ގެންދަނީ ބިމާހަމަކުރަމުންނެވެ.

އެމެރިކާއިން ހެދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ތިން ހަފްތާއަށް އިތުރު ކުރިއިރު، މި އެއްބަސްވުން ހިޒްބުﷲއިން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ އެއީ އެއް ފަރާތުން އަމަލުކުރަންޖެހޭ އެއްބަސްވުމަކަށް ވާތީއެވެ.

އެއްބަސްވުން ހެދިނަމަވެސް، އިސްތިއުމާރީ ސިފައިން ގެންދަނީ ލުބުނާނުގެ ދެކުނަށް ބޮންއަޅައި އެތައް ޖަރީމާއެއް ހިންގަމުންނެވެ. އަދި އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުންވެސް އެމީހުން ފައިބާކަށް ނުޖެހެއެވެ.

އިސްތިއުމާރީ ސިފައިން ފަތިހު ދިން އުދުވާނީ ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲއިން މިއަދު ހެނދުނު ވަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ހިޒްބުﷲގެ ހަމަލާތަކާއެކު އިސްރާއީލުގެ އުތުރުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަމުން ގޮސްފައި ވެއެވެ.

ހިޒްބުﷲގެ ވަރުގަދަ ހަމަލާތައް އިސްރާއީލަށް އަމާޒުވާން މިފެށީ، ދެތިންދުވަހު މަޑުން ތިބުމަށްފަހުގައެވެ.

ހިޒްބުﷲ ނުހިމަނައި ލުބުނާނު ސަރުކާރުން އިސްރާއީލާއެކު ހެދި އެއްބަސްވުން ހިޒްބުﷲއިން ގަބޫލެއް ނުކުރެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ މެދުވެސް ހިޒްބުﷲއިން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.