އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ ސިފައިންނަށް އަމުރުކޮށްފިއެވެ.

އެމެރިކާގެ ރައީސް، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނީ، އެއްބަސްވުމެއް ހެދުމަށް އީރާނާއެކު ދައްކަމުންދިޔަ ވާހަކަތައް ނިމި އެއްބަސްވުން މިހާރު ފުރިހަމަ ވެފައިވާ ކަމަށެވެ. އެކަމަށްޓަކައި ޓްރަމްޕްވަނީ "އެންމެނަށް" މަރްހަބާ ކިޔާފައެވެ.

ހަމަ އެއާއެކު، އެއްވެސް ފީއެއް ނުނަގާގޮތަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ ހުއްދަދޭ ކަމަށާއި، އަދި އީރާނުގެ ބްލޮކޭޑް ވަގުތުން ނިމުމަކަށް ގެނައުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަންގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

"ބޯޓުތަކުގެ އިންޖީނުތައް އަވަހަށް އިސްޓާޓް ކުރައްވާ. ތެޔޮ ދައުރުކުރަން ފަށާ" ޓްރަމްޕް

އީރާނާއެކު އެއްބަސްވުމެއް ހެދި، ވަގުތުން ފިޔަވަޅުތަކެއް އަޅަން އަންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ބުނި ނަމަވެސް، ދެ ފަރާތުން އެއްވެސް އެއްބަސްވުމެއްގައި އަދި ސޮއެއް ނުކުރެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ހެދިއްޖެކަން، ދެ ފަރާތުގެ ދެމެދުގައި ބާއްވާ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ފަރާތުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް މިރޭ ވަނީ އިއުލާން ކުރައްވާފައެވެ. ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޖެނީވާގައި ކަމަށާއި، ސޮއިކުރުން އޮންނާނީ މިމަހުގެ 19 ވާ ހުކުރު ދުވަހު ކަމަށެވެ.

އެކަމަކު، މިކަމާ ގުޅޭގޮތުން އީރާނުގެ ބަހެއް އަދި ހާމައެއް ނުކުރެއެވެ. އީރާނުން ކުރަން އެއްބަސްވީ ކޮން ކަންތައްތަކެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.