ރާއްޖޭގެ ޒުވާން އާބާދީގެ މެދުގައި ނަފްސާނީ މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް އިތުރުކުރަންޖެހޭ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "ޝީލްޑް އެންޑް ޝައިން މެންޓަލް ވެލްބީންގް" މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކާ ޙަވާލާދެއްވައި ވަޒީރު ވިދާޅުވީ، 2015 އިން ފެށިގެން 2024 އާ ދެމެދު ރާއްޖޭގެ ޒުވާނުންގެ މެދުގައި ނަފްސާނީ މައްސަލަތައް ފަސް ގުނައަށް އިތުރުވެފައިވާ ކަމަށެވެ. މީގެއިތުރުން، މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 58.9 އިންސައްތަ ދަރިވަރުންގެ ކިބައިން މެދުމިނުން ފެށިގެން މަތީ މިންވަރަކަށް އެންޒައިޓީ ފެންނަން ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި 28.9 އިންސައްތަ ދަރިވަރުން ޑިޕްރެޝަން ތަޙައްމަލުކުރަމުންދާއިރު، 28.3 އިންސައްތަ ދަރިވަރުންނަކީ ސްޓްރެސް މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކުދިން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މާހައުލީ ގޮތުންނާއި އޮންލައިންކޮށް ކުރިމަތިވާ އެކި ނުފޫޒުތަކުގެ ސަބަބުން މިފަދަ ބަލިތަކަށް މަގުފަހިވަމުންދާ ކަމަށެވެ. އަދި މި ހިސާބުތަކުން ދައްކުވައިދެނީ ވަރަށް ބިރުވެރި އަދި ހިތާމަވެރި މަންޒަރެއް ކަމަށާއި، މިކަމަށް ވަގުތުން ފިޔަވަޅު އަޅައި، މުހިންމު ސިޔާސަތުތަކެއް އެކަށައަޅަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އީވް ކްލިނިކްގެ ސައިކޮލޮޖީ ޑިޕާޓްމަންޓާ ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ނަފްސާނީ އުނދަގޫތައް ތަޙައްމަލުކުރާ މީހުން އަވަހަށް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުގެ ދަށުން މުޖުތަމަޢުގެ ތެރޭގައި "ވެލްނެސް އެމްބެސެޑަރުން" އުފެއްދުމާއި، ބެލެނިވެރިންނާއި ޢާއިލާތައް މިފަދަ ކަންކަމަށް ހޭލުންތެރިކުރުވުން ހިމެނެއެވެ.
މި ޕްރޮޖެކްޓް މީގެކުރިން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ-ފޭދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއް އަހަރުގެ މުއްދަތަށް ރޭވިފައިވާ މި މަޝްރޫޢުގެ ދަށުން، ކައުންސިލްތަކާއި ސްކޫލްތަކާ ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީޕީއެސް ފައުންޑޭޝަނަކީ އެ ސްކޫލުގެ ކުރީގެ ދަރިވަރުން އިސްނަގައިގެން 2018 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.