ނަފްސާނީ ފަރުވާއަށް ޚާއްޞަ 50 އެނދުގެ ހޮސްޕިޓަލެއް ހުޅުމާލޭައި ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ފިނޭންސްގެ އިޢުލާންގައި ވަނީ އެކަމަށް ޝަޢުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާންޖެހޭނެކަމަށެވެ. އަދި ބިޑުގައި ބައިވެރިވެވޭނީ 1500ރ ނުވަތަ 100 ޑޮލަރު އަދި ބޮޑޫ ސެކިއުރިޓީގެ ގޮތުގައި 864،00.00ރ ދައްކަންޖެހޭނެކަމަށެވެ. ބޮޑު ހުށައެޅުމުގެސުންގަޑިއަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު އިތުރުވާތީ އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ގެކުރިން ސަރުކާރުން ވަނީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ހޮސްޕިޓަލުގެ އިތުރުން މާލޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާކަމަށެވެ.
ބޭރުގެ ލޯނުން މިކަން ކުރުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް އަދިވެސް އެ ޕްރޮސީޖަރ ދިގުކަމުން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް ފެށޭގޮތް ނުވެ ލަސްވަމުން ދާތީ އަދި މި މައްސަލައަކީ ރާއްޖޭގައި އިތުރު އެހީތެރިކަމެއް ބޭނުންވާ ބޮޑު މައްސަލައަކަށް ވެފައިވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ/ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ. އެކަމަކު އޭގެ މާނައެއް ނޫން ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން އެކަން ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކައެއް.
ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓުން އެޅުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ރައީސް ވިދާޅުވީ ލޯނު ފެސިލިޓީގެ ދަށުން އަޅަން އޮތް ފެސިލިޓީ އަޅަން އޮތީ ލ. ގަމުގައިކަމަށެވެ. އެ ޕްރޮޖެކްޓް ކެންސަލް ނުކޮށް މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރުގެ ހާލަތައް ބެލުމަށް ފަހުގައިކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖަނަވަރީން ފެށިގެން ވަރަށް ގިނަ ފަރާތްތަކަށް ޚިދުމަތް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަނަވަރީ 1 އިން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކިއެކި އަތޮޅުތަކުގައިވެސް މިކަމާއި ގުޅޭ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު