ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި "ނަފްސާނީ ޞިއްޙަތުގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގްސަދަކީ ނަފްސާނީ ފަރުވާގެ މިންގަނޑުތައް ކަނޑައަޅައި، ބަލިމީހުންނާއި ޚިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަން ގާނޫނީގޮތުން ކަށަވަރުކުރުމެވެ.

މެންޓަލް ހެލްތު ރިވިއު ބޯޑު

މި ބިލުގެ ދަށުން "މެންޓަލް ހެލްތު ރިވިއު ބޯޑު" ގެ ނަމުގައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ބޯޑެއް އުފައްދަން ޖެހެއެވެ. މި ބޯޑުގައި ހިމެނެންޖެހޭނީ:

އިޝްތިހާރު އިޝްތިހާރު
  • ސައިކޭޓްރިސްޓެއް

  • ސައިކޮލޮޖިސްޓެއް

  • ނަފްސާނީ ދާއިރާގެ ޖަމިއްޔާއެއްގެ މެންބަރެއް

  • ސޯޝަލް ވޯކަރެއް

  • އާންމުންގެ ތެރެއިން މީހެއް

މި ބޯޑުގެ މައިގަނޑު ޒިންމާއަކީ ނަފްސާނީ ފަރުވާގެ ކަންކަން ބަލައި، ފަރުވާ ދިނުމުގެ އަމުރުތައް ނެރުމާއި، ޖަލުތަކާއި ބަންދު މަރުކަޒުތަކުގައި ތިބޭ މީހުންނަށް ދޭ ފަރުވާގެ ފެންވަރު ބެލުމެވެ. ބޯޑުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ބަލިމީހުންނަށް ލިބިދީފައިވެއެވެ.

ސިއްރު ހިފެހެއްޓުމާއި އަދަބުތައް

ބަލިމީހުންގެ ޒާތީ މައުލޫމާތު ސިއްރުކުރުމަށް މި ބިލުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ. ބަލިމީހެއްގެ މައުލޫމާތު ގާނޫނާ ޚިލާފަށް ހާމަކޮށްފިނަމަ، 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން، ދެ އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިދެއެވެ.

މަނާކޮށްފައިވާ ފަރުވާތައް

އިންސާނީ ހައްގުތަކަށް އުނިކަން އަތުވެދާނެ ފަދަ ބައެއް ފަރުވާތައް މި ބިލުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އެނެސްތީޝިއާ ނުދީ ހަދާ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީއާއި، ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީގެ އިތުރުން، ނަފްސާނީ ބައްޔަކަށް ފަރުވާކުރުމުގެ ގޮތުން މީހުން ދަރިމައިނުވާގޮތް ހެދުން ހިމެނެއެވެ.

ރާއްޖޭގައި ނަފްސާނީ އެހީއަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ބިލަކީ މި ދާއިރާގެ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 23,000 އަށްވުރެ ގިނަ މީހުން ވަނީ ނަފްސާނީ އެހީއަށް އެދި ހެލްޕްލައިނަށް ގުޅާފައެވެ.