ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަކީ ބަލިކަށިކަމެއްގެ ބަދަލުގައި، އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއަކުން ނިމޭ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ކަރާމާތާއި، އިޖުތިމާޢީ ގުޅުންތަކާއި، މާދަމާގެ އުންމީދުތަކާ ސީދާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ ތަކުލީފުތަކަކީ ހަމައެކަނި މެޑިކަލް ކޭސްތަކެއް ނުވަތަ ތަފާސްހިސާބުތަކެއް ނޫން ކަމަށާއި، އޭގެ ފަހަތުގައިވަނީ އެންޒައިޓީއާ ހަނގުރާމަކުރާ ޒުވާނުންނާއި، ޒިންމާތަކުގެ ސަބަބުން ފިކުރުބޮޑުވެފައިވާ ބެލެނިވެރިންނާއި، އިހުސާސްތައް ބަޔާންކުރަން ނޭނގޭ ކުޑަކުދިން އަދި އެހީތެރިކަމަށް އެދޭ އާއިލާތައް ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު
First Lady @sajidhaamohamed attends the opening ceremony of the 16th International Conference of the SAARC Psychiatric Federation (SPF) 2026, being held at the Maldives National University from 1st to 2nd November. The conference brings together professionals to exchange …

ޑިޕްރެޝަނާއި އެންޒައިޓީ ފަދަ މައްސަލަތަކުން އަރައިގަތުމުގައި އެންމެ ބޮޑު ހުރަހަކަށް ވަނީ މުޖުތަމަޢު ދެކޭ ނުބައި ނަޒަރިއްޔާތުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމަށް ފަރުވާ ހޯދަން ފަސްޖެހޭ ޖެހުން ނައްތާލެވޭނީ އެންމެންގެ އަޅާލުމާއި އެއްބާރުލުމާއެކު ކަމަށެވެ.

މަންމައެއްގެ ހައިސިއްޔަތުން ޒުވާނުންނާއި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ޕްރެޝަރާއި އޮންލައިން ދުނިޔޭގެ ނުފޫޒުތަކުގެ ސަބަބުން ޒުވާނުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެކުދިންގެ އަމަލުތަކަށް ސަމާލުވެ، ލޯތްބާއި ކުލުނާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ޤައުމީ ޞިއްޙަތާބެހޭ އެޖެންޑާގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން، 2029 އަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ނަފްސާނީ ފަރުވާ ލިބޭނެ މަގު ތަނަވަސްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތައް އެއްގޮތްކަން ފާހަގަކުރައްވައި، ސާކް ސައިކޭޓްރިކް ފެޑެރޭޝަން ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން މި ދާއިރާގެ ތަޖުރިބާކާރުން ގުޅިގެން ހައްލުތައް ހޯދުމަށް ފަސޭހަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރިންނަށާއި، މި ދާއިރާއިން މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.