ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ އަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެކަމަނާ ވަނީ، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް ޒިޔާރަތް ކުރައްވާފަ އެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވައިލައްވައި އެ ޤައުމުން ބޭސް ރެގިއުލޭޓް ކުރާގޮތް ބައްލަވާލައްވާފަ އެވެ. އަދި އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން މި ޒިޔާރަތުގައި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އިޝްތިހާރު އިޝްތިހާރު

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ، 2012 ވަނަ އަހަރުގެ ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ. އިސްލާމްއާބާދުގައި ހުންނަ މި އިދާރާއަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި، މެޑިކަލް ވަސީލަތްތަކާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް އެ ޤައުމުގައި ދޭ ފަރުވާތަކާއި އެ ފަރުވާތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބަލަހައްޓާ އިދާރާއެކެވެ.