އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ “ބްރެސްޓް ކެންސަރ އެވެއަރނެސް ސިމްޕޯޒިއަމް”، 120 އަށްވުރެ ގިނަ ބައިވެރިންނާއެކު ހޮޓެލް ޖެންގައި މިއަދު ފަށައިފިއެވެ. މިއީ މި ސިމްޕޯޒިއަމް ބާއްވާ 7 ވަނަ އަހަރެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. “ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ، ލާން އޮޕްޓިމައިޒް އެޑްވާންސް” މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ 16 މާހިރަކު މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ދުރާލައި މަޢުލޫމާތު ފޯރުކޮށްދިނުން ކަމުގައި ވިދާޅުވެފައެވެ. އަދި ބަލީގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި، މި ބަލިން ރައްކާތެރިވުމަށްޓަކައި ޞިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޚިދުމަތްތައް އިތުރަށް ތަރައްޤީކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ބަސްމާ އިބްރާހިމް ޞާބިރު ވިދާޅުވީ، މިއަހަރުގެ ސިމްޕޯޒިއަމް ޚާއްޞަވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ މާހިރުންގެ ބައިވެރިވުމާއެކު ކުރިއަށްދާތީ ކަމަށެވެ. އަދި ބަލި ދެނެގަތުމުން ފެށިގެން ފަރުވާގެ ހުރިހާ މަރުޙަލާއަކާ ގުޅޭ ފަންނީ މަޢުލޫމާތު މި ބައްދަލުވުމުގެ ތެރެއިން ޙިއްޞާކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އުރަމަތީގެ ކެންސަރުގެ ޢަލާމާތްތަކުގެ ތެރޭގައި އުރަމަތީގައި ގަނޑުލުން، ހަންގަނޑު ބޯވުން، އަދި ހަމުގެ ކުލައަށް ބަދަލުއައުން ހިމެނެއެވެ. ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި މިފަދަ ބަދަލެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ އާދަޔާ ޚިލާފު ތަދެއް އިޙްޞާޞްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމާއި، ކޮންމެ މަހަކުވެސް އަމިއްލައަށް ސްކްރީން ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބަކީ ކެންސަރު ބައްޔެވެ. އެހެންނަމަވެސް، މިއީ ބަލީގެ ކުރީކޮޅުގައި ދެނެގަނެވި، އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ފުރާނައަށް ހުރި ނުރައްކާ ވަރަށް ބޮޑަށް ކުޑަކުރެވިދާނެ ބައްޔެކެވެ.










ކިޔުންތެރިންގެ ހިޔާލު