ރާއްޖޭގެ ސިއްޙީ ދާއިރާ ދަތުރުކުރަމުންދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޢިއްޒަތްތެރި އަދި ޤައުމު ބިނާކުރުމަށް އެންމެ ބޮޑު ޤުރުބާނީއެއްވި ފަރާތްތައް ކަމަށް ވިދާޅުވަމުން، އެފަރާތްތަކަށް ކަމޭހިތުމަކީ އިސްލާމްދީނުގައިވެސް ބާރުއަޅާފައިވާ ކަމެއްކަން ސާޖިދާ މުޙައްމަދު ފާހަގަކުރެއްވިއެވެ. އެގޮތުން އިސްރަށްވެހިންގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒުތައް ޤާއިމުކުރެވެމުންދާކަން ފާހަގަކުރައްވަމުން، އެ މަރުކަޒުތަކުގެ ސަބަބުން އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި، ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އިސްރަށްވެހިންނަށް ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ މަޢުލޫމާތު ލިބި، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު